ރަންވޭ ބާވެ، ހަލާކުވެފައިވާތީ މޯލްޑިވިއަން އިން ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލަނީ

މޯލްޑިވިއަންގެ ބޯޓެއް: ރަންވޭ ބާވެ، ހަލާކުވެފައިވާތީ މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ވަނީ ނިންމާފައި --- ފޮޓޯ/އެއާވޭޒް މެގަޒިން

ގއ. ކޫއްޑޫގެ ރަންވޭ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައި ވާތީ މޯލްޑިވިއަނުން ކޫއްޑޫއަށް ކުރަމުންއައި ދަތުރުތައް ހުއްޓާލަން ނިންމައިފިއެވެ.

'ސަން' އަށް މައުލޫމާތުދެމުން މޯލްޑިވިއަން އިން ބުނީ، ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމީ ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ބާވުމުގެ ސަބަބުންކަމަށެވެ. އެކަމުގެ ސަބަބުން މޯލްޑިވިއަންގެ ދެ ބޯޓެއް ގްރައުންޑް ކުރަން ޖެހުނު ކަމަށް ވެސް މޯލްޑިވިއަންއިން މައުލޫމާތުދިނެވެ.

ނަމަވެސް މިއަދާ މާދަމާއަށް ޝެޑިއުލް ކޮށްފައިވާ ދަތުރުތައް އަދިވެސް ކެންސަލް ނުކުރާ ކަމަށް މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ. އެގޮތުން މާދަމާގެ ހަވީރާ ހަމައަށް ވެސް ދަތުުރުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމީ ދަތުރުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަންވޭގެ މައްސަލަތައް ހައްލުވިހާ އަވަހަށް ދަތުރުތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީކުރީ، 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ދިގުރަށް ކިޔާ ފަޅު ރަށެއްގައި ރިސޯޓެއް ތަރައްގީކުރުމަށް 50 އަހަރަށް ބޮނަވެއްޗާ މޯލްޑިވްސްއާ ހަވާލުކޮށްގެންއެވެ.

ފަންސަވީސް އަހަރަށް އެއާޕޯޓު ހިންގައި ތަރައްގީ ކުރުމަށް 2012 ވަނަ އަހަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ، ސިންގަޕޫރުގެ ކިއޮން ހޮންގް ކޮންސްޓްރަކްޝަނާއި އެލިސަން ކޮންސްޓްރަކްޝަން ކުންފުނި ގުޅިގެން އުފައްދާފައިވާ ކޭއެޗްއޭ ކޮންސްޓްރަކްޝަންއާއެވެ.

comment ކޮމެންޓް