އައިޖީއެމްއެޗްގެ ހައިބްރިޑް ތިއޭޓަރުގައި އޮޕަރޭޝަންތައް ކުރަން ފަށައިފި

އައިޖީއެމްއެޗް ހައިބްރިޑް ތިއޭޓަރުގައި ޕްރޮސީޖާއެއް ހަދަނީ.-- ފޮޓޯ/ އައިޖީއެމްއެޗް

އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެންމެ ޒަމާނީ ވަސީލާތްތަކާއެކު ގާއިމުކުރި އޮޕަރޭޝަން ތީއޭޓަރު ބޭނުންކުރަން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ ތިއޭޓަރުގައި ނާރުގެ އޮޕަރޭޝަންތަކާއި ހިތުގެ އޮޕަރޭޝަންތަކާއި ބެދިފައިވާ ލޭ ހޮޅިތައް ރަނގަޅު ކުރުމުގެ ޕްރޮސީޖާތައް ހެދޭނެ ކަމަށެވެ.

ދަރުމަންވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ މި ތިއޭޓަރުގައި ފުރިހަމަ ކެތު ލެބެއް ވެސް ހުންނާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އިތުރަށް އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި، އެ ތިއޭޓަރަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ދެވޭ ވަރަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ތިއޭޓަރު ބޭނުން ކުރަން ފަށާފައި މިވަނީ ބޭނުންނުކޮށް ހުންނަތާ ހައެއްކަ އަހަރު ފަހުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދަރުމަވަންތަ ހޮސްޕިޓަލް ގާއިމުކޮށްފައި ވަނީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ހޭދައެއް ކޮށްގެންނެވެ.

މިހާރު އެ ހޮސްޕިޓަލުގެ ބައެއް ފަންގިފިލާތަކުގައި އަންނަނީ އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓުތަކުގެ ޚިދުމަތް ދެމުންނެވެ.

comment ކޮމެންޓް