ގޫގުލް ފޮޓޯސްއިން އޭއައި އުފެއްދުންތައް ދެނެގަނެވޭ ގޮތް ހަދަނީ

ގޫގުލް ފޮޓޯސް --

އޭއައި ބޭނުންކޮށްގެން އުފައްދާ ފޮޓޯތައް ދެނެގަތުމުގެ ޚިދުމަތް ގޫގުލް ފޮޓޯސްއިން ތަޢާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

މި ޚިދުމަތުގެ ސަބަބުން، ފޮޓޯއެއް އުފައްދާފައިވަނީ ނުވަތަ އެޑިޓްކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެންކަން ނުވަތަ ނޫންކަން ބެލުމުގެ ފުރުޞަތު ޔޫޒަރުންނަށް ލިބޭނެއެވެ.

އެންޑްރޮއިޑް އޮތޯރިޓީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފީޗާ އަންނަނީ ގޫގުލް ފޮޓޯސް އެޕްލިކޭޝަންގެ 7.3 ވަރޝަންގައެވެ. ނަމަވެސް، މި ވަގުތު އަދި މި ފީޗާ އެކްޓިވް ކުރެވިފައެއް ނުވެއެވެ.

މި ފީޗާގެ މަޤުޞަދަކީ ޑީޕް-ފޭކް ފޮޓޯއާއި ވީޑިއޯ ބޭނުންކުރުން މަދުކުރުމެވެ. ޑީޕްފޭކަކީ އޭއައި ބޭނުންކޮށްގެން އުފައްދާ ނުވަތަ އެކި ގޮތްގޮތުން އެޑިޓްކުރާ ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ ފައިލްތަކެވެ.

މިފަދަ މީޑިއާ ބޭނުންކޮށްގެން އޮޅުވާލުމާއި ދޮގު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

އެކަމަކު، މި ފީޗާ ތަޢާރަފުކުރުމުގެ ތާރީޚެއް އަދި އިޢުލާންކޮށްފައެއްނުވެއެވެ.

ޑީޕް-ފޭކް ޓެކްނޮލޮޖީގެ ބޭނުންކުރުން އިތުރުވަމުން ދިއުމާ އެކު، މުޖުތަމަޢުގެ އެކި ދާއިރާތަކަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ސިޔާސީ ލީޑަރުންގެ ދޮގު ވީޑިއޯތައް ހަދައި، އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ފަރާތްތައް ވެސް ދުނިޔޭގައި އިތުރުވެފައިވެއެވެ.

މީގެ އިތުރުން، މަޝްހޫރު ފަރާތްތަކުގެ ނަމުގައި ދޮގު އިޝްތިހާރުތައް ހަދައި، އޮޅުވާލައިގެން ވިޔަފާރިކުރުމުގެ މައްސަލަތައް ވެސް އިތުރުވެފައިވެއެވެ.

ޑީޕް-ފޭކްގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި، އަދި ހަގީގީ މަޢުލޫމާތާއި ދޮގު މަޢުލޫމާތު ވަކިކުރުމަށް ދަތިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެހެންވެ، ގިނަ ގައުމުތަކުން މިހާރު ޑީޕް-ފޭކް ޓެކްނޮލޮޖީ ރެގިއުލޭޓްކުރަން ގާނޫނުތައް ތައާރަފުކުރަމުން އަންނައިރު، ޓެކްނޮލޮޖީ ކުންފުނިތަކުން ވެސް އަންނަނީ މި މައްސަލަތައް ހައްލުކުރަން އާ ޓެކްނޮލޮޖީތައް ތައާރަފުކުރަމުންނެވެ.

comment ކޮމެންޓް