ފެށޭ 2025 ވަނަ އަހަރަށް ތައްޔާރުވާން ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އެ ކުންފުނީގެ މުވައްޒަފުންނަށް އަންގައިފިއެވެ.
ސިލިކޮން ވެލީގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ގޫގުލްގެ މައި ކުންފުނި ކަމަށްވާ އަލްފަބެޓްގެ ސީއީއޯ ޕިޗާއީ ވަނީ އަންނަ އަހަރަކީ ގޮންޖެހުން ބޮޑު އަހަރަކަށް ވާނެ ކަމަށް ބުނެ، ވަރަށް ބޮޑަށް ތައްޔާރުވާން އެ ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް އިރުޝާދު ދީފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުންފުނީގެ މުވައްޒަފުންނާ މުޚާތަބުކުރަމުން ޕިޗައި ބުނެފައިވަނީ، މިހާރު މިއީ ކުންފުންޏަށް ވަރަށް މުހިއްމު ވަގުތެއް ކަމަށާއި ކުރިއަށް އޮތް އަހަރަކީ އިތުރު ކުރިއެރުންތަކެއް ހޯދަންޖެހޭ އަހަރެއް ކަމަށެވެ.
"ކުރިއަށް އޮތް އަހަރު ވަރަށް މުހިއްމު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަންޖެހޭނެ. އަޅުގަނޑުމެންގެ އަމާޒުތައް މިވަނީ މަތީގައި،" ޕިޗާއި ބުނެފައިވެއެވެ.
ގޫގުލްގެ އެކި ޕްރޮޑަކްޓްތަކާއި ސާވިސްތަކުގެ ވާދަވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ކުންފުނީގެ ހުރިހާ މުވައްޒަފުން ވެސް އެއް އަމާޒަކަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ޕިޗައި ފާހަގަކޮށްފައިވެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގައި އެންމެ ކުރިއަރާފައިވާ ކުންފުނިތަކުގެ ތެރޭގައި ގޫގުލް ހިމެނޭއިރު، މި ދާއިރާގައި އިތުރު ކުރިއެރުންތަކެއް ހޯދުމަކީ ކުންފުނީގެ އެއް އަމާޒު ކަމުގައި ޕިޗައި ފާހަގަކުރެއެވެ. އެހެނިހެން އޮންލައިން ޚިދުމަތްތަކުގެ ވާދަވެރިކަން އިތުރުވަމުންދާއިރު، އާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ހުރިހާ މުވައްޒަފުންގެ ކިބައިގައި ވެސް ހުރުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ބުނެފައިވެއެވެ.
ސްމާޓު ޓެކްނޮލޮޖީ ދާއިރާގައި ކުރިއެރުންތައް އަންނަ ބާރު ސްޕީޑާ އެކު، ވާދަވެރި ކުންފުނިތަކާ އެއް ފެންވަރުގައި ކުރިއަށް ދިއުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޕިޗާއި ވަނީ އިޝާރާތްކޮށްފައެވެ. މި ދާއިރާގައި އިތުރު އީޖާދުތަކާއި ހޯދުންތައް ހޯދުމަށް ކުންފުނިން އިތުރު އިންވެސްޓްމަންޓްތަކެއް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ގޫގުލްއަކީ އިންޓަނެޓް ސާޗް އިންޖިންގެ އިތުރުން، އެކިއެކި ޓެކްނޮލޮޖީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. މީގެ ތެރޭގައި ކްލައުޑް ކޮމްޕިއުޓިން، މެޝިން ލާނިން އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ޚިދުމަތްތައް ހިމެނެއެވެ. މި ކުންފުނީގެ އަގު މި ވަގުތު އަންދާޒާކުރަނީ 2.4 ޓްރިލިއަން ޑޮލަރުގައެވެ.