ކާރުން ޖެހި މީހަކު ވިއްސައިގެން ދިޔުން: ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުވާތަކެއް

ކާރުން ޖެހި މީހަކު ވިއްސައިގެން ދިޔުން: ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި ---- ފޮޓޯ/ ފުލުހުން

ގަވާއިދާ ޚިލާފަށް ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް އެޕާޓްމެންޓުތައް ކައިރީ ހިނގި އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނަކު ސައިކަލު މަތީގައި މަޑުކޮށްލައިގެން އިންދާ، ބާރު ސުޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ސައިކަލުގައި ޖެހޭ މަންޒަރެވެ. އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ.

އެކްސިޑެންޓު ހިނގުމާއެކު އެ ދުވަހު މ. ލޭންޑްއޮފްގާޑަންގެ އިބްރާހީމް އިކްރާމް، ވަނީ ފިލާފައެވެ. އަދި އޭގެ އަނެއް ދުވަހު ހައްޔަރުކޮށް މުއްދަތުގެ މަޖިލީހަށް ހާޒިރުކުރުމުން އޭނާ ބުނީ، އެކްސިޑެންޓުގެ ސަބަބުން އޭނާގެ މެއަށް ވަރަށް ބޮޑަށް ތަދުވެފައި ވާކަމަށެވެ. އެހެންކަމުން އޭނާ އެކްސިޑެންޓުވި ސީންގައި އިރުގަނޑަކު ހުރެފައި ދިޔައީކަމަށް އޭނާ ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ތަވާލުން އެނގޭގޮތުގައި، އެ މައްސަލާގައި ކާރު ދުއްވަން އިން އިކްރާމްގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެއެވެ. އެއީ:

  • އަނިޔާއެއް ދިނުން
  • މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރާ ކުރިމަތިކުރުވުން
  • މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއެއް
  • އެކްސިޑެންޓުވުމުން އެކަމުގެ ރިޕޯޓު ނުކުރުމުގެ ދައުވާ
  • އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ

އިކްރާމްގެ އިތުރުން އެ ކާރުގައި ތިބި ހ. ނޫރަންމާގެއާގެ އިކްރާމުއްރަޙްމާނަށް ވެސް އުފުލާފައި ވަނީ ހަ ދައުވާއެކެވެ.

  • އަނިޔާއެއް ދިނުމުގައި ބައިވެރިވި ކަމުގެ ދައުވާ
  • އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ
  • އެކްސިޑެންޓުވުމުން އެކަމުގެ ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާ
  • މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ
  • މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއެއް

މީގެއިތުރުން ގއ.ކަނޑުހުޅުދޫ/އާޒާދުގެ ޖިނާހު އިސްމާއީލްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ.

  • އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
  • މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ
  • މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއެއް

https://sun.mv/196421

ފާހަގަކޮށްލެވޭ ގޮތުގައި، މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލުގައިއިން މީހާއަށެވެ. އެކްސިޑެންޓުގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ގައިގެ ތަންތަން މަށައިގެން ގޮސް މޫނުމަތީގެ ކަށިތައް ބިނދިފައިވުން ހިމެނެއެވެ.

އެއީ އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނެކެވެ.

މި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވުމާއެކު ބާރު ސުޕީޑުގައި ކާރާއި ސައިކަލް ދުއްވާ މީހުންނާމެދު ފިޔަވަޅު އަޅަން ގޮވާލާ ގިނަ ބަޔަކު ދިޔައީ ޝުއޫރު ފާޅު ކުރަމުންނެވެ. ނަމަވެސް މި އެކްސިޑެންޓަށް ފަހު ވެސް މިފަދަ ބިރުވެރި ދުއްވުންތައް ނުހުއްޓި ހިނގި އެކްސިޑެންޓްތަކުގައި މީހެއްގެ ފުރާނަ ގެއްލިފައިވެއެވެ.

comment ކޮމެންޓް