ޖޯކާ މިވީ ބޮޑު ފްލޮޕަކަށް

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޖޯކާ" ފިލްމުގެ ސީކުއަލް ފިލްމު ބޮޑު ފްލޮޕަކަށްވެ, ގިނަ ބައެއްގެ ފާޑުކިޔުން ރައްދުވެއްޖެއެވެ.

ޑީސީގެ ކެރެކްޓަރު ޖޯކާ ތަފާތު ގޮތަކަށް ގެނެސް 2019 ވަނަ އަހަރުގައި ނެރުނު "ޖޯކާ" ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ. ބޮކްސް އޮފީހުގައި ފިލްމަށް ހީނުކުރާ ވަރުގެ ކާމިޔާބީއެއް ލިބި ކްރިޓީކުންގެ މެދުގައި ވެސް ފިލްމަށް ލޯބި ލިބުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އޮސްކާގައި ވެސް ބޮޑު ކާމިޔާބީއެއް ފިލްމަށް ލިބުމެވެ. އެއާއެކު ފިލްމުގެ ދެވަނަ ބައެއް އިއުލާނުކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ.

އެއާއެކު ޖޯކަރުގެ ދެވަނަ ބައެއްގެ އިންތިޒާރުގައި އެތައް ފޭނުންނެއް ތިއްބެވެ. އެންމެފަހުން މި ފިލްމު ވަނީ ހަފުތާ ބަންދުގައި ދައްކަން ފަށާފައެވެ. ނަމަވެސް, ޖޯކާގެ ދެވަނަ ބައި "ފޮލީ އަ ޑޫ" ވެގެންދިޔައީ އާންމުން އުއްމީދު ކުރި ކަހަލަ ފިލްމަކަށް ނޫނެވެ.

ކްރިޓީކުންނާއި އާންމުންނަށް ވެސް ފިލްމު ކަމަކުނުދިޔައެވެ. އެގޮތުން, ރޮޓެން ޓޮމާޓޯސްގެ ރޭޓިންއަށް ބަލާއިރު ކްރިޓީކުންގެ ރޭޓިންއާއި އާންމުންގެ ރޭޓިން ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި 37 ޕަސެންޓުގައެވެ. ކްރިޓީކުންނާއި އާންމުންގެ ރޭޓިން އެއްވަރެއްގައި މިގޮތަށް ފިލްމެއްގައި ހުރުން މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ބޮކްސް އޮފީހުގައި ވެސް ފިލްމަށް ލިބެމުންދަނީ އެންމެ އެކަށީގެންވާ އާމްދަނީއެއް ނޫނެވެ. އެގޮތުން, ހަފުތާ ބަންދުގައި މި ފިލްމަށް އެމެރިކާއިން ލިބިފައިވަނީ 30 މިލިއަން ޑޮލަރެވެ. ނަމަވެސް, ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާމްދަނީ އެއްކޮށްލައިގެން ފިލްމުގެ އާމްދަނީ 114 މިލިއަން ޑޮލަރަށް އަރައެވެ. މިއީ ވެސް އެންމެ އެކަށީގެންވާ އާމްދަނީއެއް ނޫނެވެ.

އަލަށް ނެރުނު ޖޯކާގެ ފިލްމަކީ، 2019 ވަނަ އަހަރު ނެރުނު "ޖޯކާ" އަށް ވުރެ މުޅިން ތަފާތު ފިލްމަކަށް ވާއިރު މި ފިލްމަކީ މިއުޒިކަލް ފިލްމެކެވެ. މި ފިލްމުގައި ލީޑުން ފެނިގެން ގޮސްފައިވަނީ ޖޯކާ ރޯލު ކުޅުނު ވާކީން ފީނިކްސް އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާއެވެ.

comment ކޮމެންޓް