މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް ކުރިން އުޅުނު ގެއިން ޖިންނި ފެންނަ ކަމަށާއި އެ ފަޅުވެފައިވާ ގެއެއް ކަމަށް ބުނުމުން ގެ ވިއްކާލަން އުނދަގޫ ވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ކުއްޔަށް ހިފައިގެން ދިރިއުޅެމުން ދިޔަ ގެއެއްގެ ވާހަކަ އެންމެ ފުރަތަމަ ބުނެފައިވަނީ 2012 ވަނަ އަހަރުގައެވެ.
އަމިއްލަ މިނިވަން ކަން ބޭނުންވުމުން ރެންޓަލް އިމާރާތެއް އެއްކޮށް ނަގައިގެން އޭނާ އުޅުނީ އެ ގޭގައި ހަ ވަރަކަށް މަހެވެ. މި ގެއަކީ 10 ކޮޓަރީގެ ބޮޑު ގެއެކެވެ.
އެ އަހަރު ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި އެޑެލް ބުނެފައިވަނީ އެ ގެ ވަރަށް ރީތި ކަމަށެވެ. އެހެންނަމަވެސް އެ ގެއަކީ އޭނާ އަށް ބިރުވެރި ގެއެއް ކަމުގައި ބުންޏެވެ. އޭނާ އެ ގޭގައި އުޅުނު އިރު ފާޑު ފާޑުގެ އަޑުތައް އިވުނު ކަމަށްވެސް އެޑެލް ފާހަގަކުރިއެވެ.
އެއަށްފަހު އިވިގެން ދިޔައީ އެކި ނޫސްތަކުން މި ގޭގެ ވާހަކަތައް ދައްކަން ފެށި އަޑެވެ. އަދި ތަރީންގެ ފަޅު ގެތަކުގެ ލިސްޓުގައި އެޑެލް އުޅުނު ގެ ހިމަނައި ތަފާތު އެކި ލިސްޓުތައް ވެސް ހަދަން ފެށިއެވެ.
މި އިމާރާތުގެ ވެރިމީހާ ކަމަށްވާ ނިކޮލަސް ސަޓަން ބުނެފައިވަނީ އިނގިރޭސިވިލާތުގެ އެސެކްސްގައި ހުރި މި އިމާރާތް ވިއްކުމަށް ވަރަށް މަސައްކަތްކުރި ކަމަށެވެ. އެގޮތުން ފާއިތުވި 14 އަހަރުގެ ތެރޭގައި ތަފާތު އެކި ގޮތްގޮތަށް މި ގެ ވިއްކާލެވޭތޯ ބަލާފައިވާ ކަމަށް އޭނާ ބުންޏެވެ.
އަދި ވަކި ގޮތެއް ނުވެގެން އެންމެ ފަހުން 2020 ވަނަ އަހަރުގައި ބޮޑު މާކެޓިން ކެމްޕެއިނެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ސަޓަން ފާހަގަކުރިއެވެ. ނަމަވެސް ގެ ގަންނާނެ މީހަކު ނުވިއެވެ.
ނަތީޖާއެއްގެ ގޮތުން މިހާރު މަސައްކަތް ކުރަނީ މި ބޮޑު އިމާރާތް އެއްކޮށް ތަޅާލުމަށްފަހު އެ ތަނުގައި ތިން އެޕާޓްމެންޓް ކޮމްޕްލެކްސް އެޅުމަށް ކަމަށް އޭނާ ބުންޏެވެ.