މިނިވަންކަމަށް ގެއްލުންވާ އެއްބަސްވުމެއްގައި އިންޑިއާ ދަތުރުފުޅުގައި ސޮއިނުކުރޭ: އަޒާން

މެމްބަރު އަޒާން: އޭނާ ވިދާޅުވީ ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓުގައި ވަނީ އިދިކޮޅުގައި ތިބިއިރު ވެސް އެންމެ ބޮޑަށް ދެކޮޅު ހެދީ އެކި ނަންނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެގެން ތިބުމަށް ކަމަށެވެ.

ނަމަވެސް އާ ސަރުކާރުން، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ސަރުކާރުގެ ކުރީކޮޅުގައި އިންޑިއާއާ ވާހަކަދައްކައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާފައި ކަމަށް އަޒާން ވިދާޅުވިއެވެ.

އޭނާ ވަނީ އެމްޑީޕީގެ ސަރުކާރުގައި ގައުމުގެ ޚާރިޖީ ސިޔާސަތަކަށް ވެފައި އޮތީ "އިންޑިއާ އޮންލީ" ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް އެއާ ޚިލާފަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވަނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި އެމަނިކްފާނު އެހެން ގައުމުތަކާއި ގުޅުން ބާއްވަނީ ރާއްޖޭގެ މަސްލަހަތައް އިސްކަން ދީގެން ކަމަށާއި މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެހެން ޤައުމުތަކާއެކު ބާއްވާ ގުޅުންތައް ބާއްވަނީ ރާއްޖޭގެ މަސްލަހަތަށް އިސްކަން ދީގެންނޭ. މިހާރު ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިނުވޭ," އަޒާންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން އާންމު އުސޫލުން ރާއްޖޭގެ ރައީސް އެ ޤައުމަށް ވަޑައިގަތުމުން ބޭނުންވާ ބައެއް ކަންކަމާމެދު މަޝްވަރާކުރި ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން އެއްވެސް ކަމެއް ކުރަން ނިންމާނީ ރާއްޖެއަށް އެ ކަމަކުން އެންމެ ފައިދާ ބޮޑު ގޮތެއް ބަލާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މިއަދު އިންޑިއާ ސިފައިންނޭ ކިޔައިގެން ވާހަކަ މިދައްކާ ބައެއް ފަރާތްތަކަކީ މީގެ ކުރިން އެއީ ރާއްޖޭގައި ނެތް ބައެއް ކަމަށް ބުނި މީހުން, އަދި އެ މީހުން ތިބުމަކީ ވެސް މައްސަލައެއް ނެތް ކަމަށް ގަބޫލުކުރި މީހުން," އިދިކޮޅު ފަރާތްތަކަށް ނިސްބަތްކޮށް އަޒާންގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން އިންޑިއާ ސިފައިން ބާލައިފިނަމަ ރާއްޖެ ބަނޑަށް ޖެހިދާނެކަމަށް ކުރީ ސަރުކާރުގެ ވަޒީރުންނާއި "އެމްޑީޕީން ހިންގާ" ނޫސްތަކުން މީގެ ކުރިން ބުނި ކަމަށެވެ. އެ ވާހަކަތައް ހަނދާން ނެތޭހާ ދުވަސް ނުވާކަން ވެސް އޭނާގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

އަދި މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް އަޒާން ވަނީ ވިދާޅުވެފައެވެ.

އަޒާން މިހެން ވިދާޅުވިއިރު، އަޒާނަކީ ކުރީގެ ސަރުކާރު އޮތްއިރު، އެ ސަރުކާރުން އިންޑިއާއާއެކު ހަދާ އެއްބަސްވުންތަކާއި، ކުރާ މަޝްވަރާތަކާ ގުޅިގެން ނޫސްވެރިއެއްގެ ގޮތުގައި އެ ކަންކަމާ ދެކޮޅަށް ލިޔުންތައް ލިޔުއްވައި ވަކާލާތުކުރެއްވި ބޭފުޅެކެވެ.

އޭގެ ތެރޭގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށް ދެކޮޅު ހެއްދެވިއިރު، ރުޕޭ ކާޑު ރާއްޖޭގައި ތައާރަފްކުރުމަކީ ބޭނުންތެރިކަމެއް ނޫންކަމަށް ދޭހަވާހެން އެ ކަމާ ވެސް ދެކޮޅު ހެއްދެވިއެެވެ.

މީގެ އިތުރުން ވެސް އަސްކަރީ ގޮތުން ރާއްޖެއާއި އިންޑިއާއާ ދެމެދުވާ އެއްބަސްވުންތައް ހޯދުމަށް ހުށަހަޅައި، އޭގައި ހުރި ރާއްޖެއަށް ގެއްލުންވާ ކަންކަން ހާމަކުރައްވަން އޭނާ މަސައްކަތްކުރެއްވިއެވެ.

comment ކޮމެންޓް