ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އުފުލުމުގެ ތުހުމަތުގައި އެއާޕޯޓުން ޒުވާނަކު ހައްޔަރުކޮށްފި

ހަށިގަނޑުގައި މަސްތުވާތި ފޮވައިގެން އުފުލަން އުޅުނު ށ. ނޫމަރާ ހަވީރީގޭ، އުމުރުން 24 އަހަރުގެ ޢަބްދުﷲ ފަޞީހު --- ފޮޓޯ/ ފުލުހުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފުރަންގޮސް ހުރި ޒުވާނަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

މިކަމާއި ގުޅުވާ ފުލުހުން ބުނެފައި ވަނީ ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ށ. ނޫމަރާ ހަވީރީގޭ، އުމުރުން 24 އަހަރުގެ ޢަބްދުﷲ ފަޞީހު ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށަފއި ވަނީ މިދިޔަ ހޯމަ ދުވަހު އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައި ވުމުން ކަމަށެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 340 ގްރާމް ހުރިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ފަސް ދުވަހުގެ މުއްދަތައް ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.

އަދި މިހާރު މި މައްސަލައިގައި ކުރަންޖެހޭ ތަހުގީގުތައް ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ދީފައެއް ނުވެއެވެ.

ދާދިފަހުން ވެސް ވަނީ ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރި މެލޭޝިއާގެ ދެ މީހަކު ބަންދުކޮށްފައެވެ.

comment ކޮމެންޓް