އީރާނުން ސިއްރިޔާތުގައި ނިއުކްލިޔާ ތަޖުރިބާއެއް ކޮށްފިކަމުގެ ޚަބަރުތަކެއް ފެތުރެނީ

ތެހެރާން (8 އޮކްޓޯބަރު 2024) : އީރާނުން ސިއްރިޔާތުގައި ނިއުކްލިޔާ ތަޖުރިބާއެއް ކޮށްފި ކަމަށް ބުނާ ރިޕޯޓްތަކެއް ފެންމަތި ވެއްޖެއެވެ.

ނޫރު ނިއުޒް އާއި ރަޝިއާގެ ބައެއް އޮންލައިން ނޫސްތައް ބުނާގޮތުން މިދިޔަ ހޮނިހިރު އީރާނުގެ ދެކުނުގެ ހަނަފަސް ސަހަރާ ސަރަހައްދަކަށް 5.0 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އައިކަންވަނީ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭން މަރުކަޒަށްވެސް ހާމަވެފައެވެ. މި ސަރަހައްދަކީ ބިން ހެލުން ނާންނަ ސަރަހައްދަކަށްވާތީ މިތަނަށް ބިންހެލުމެއް އައި ސަބަބެއްކަމަށް ޝައްކު ކުރެވެނީ އީރާނުން ނިއުކްލިޔާ ތަޖުރިބާ އެއް ކުރުންކަމަށް ބެލެވެއެވެ.

މި މައްސަލާގައި ޝައްކުކޮށް ރަޝިއާގެ ބައެއް މީޑިއާ ތަކުންވެސް ވަނީ އީރާނުން ނިއުކްލިޔާ ތަޖުރިބާ އެއްކުރީތޯ ސުވާލު އުފައްދާފައެވެ. ނިއުކްލިޔާ ޑިވައިސް އެއް ބިމު އަޑީގައި ތަޖުރިބާކޮށްފިނަމަ އާންމު ގޮތެއްގައި ފަސް މެގްނިޓިއުޑްގެ ބިންހެލުމެއް އަންނާނެކަމަށް ވެއެވެ.

އެމެރިކާއިން ރަސްމީ ގޮތެއްގައި މިކަމާބެހޭގޮތުން އެއްޗެއް ބުނެފައިނުވާއިރު އީރާނުގެ ސަރުކާރާ ގާތް މީޑިއާ އެއްކަމަށްވާ 'އަލްއާލަމް' ބުނާގޮތުން އެ ގައުމުން ނިއުކްލިޔާ ތަޖުރިބާއެއް ކޮށްފައެއް ނުވެއެވެ. އަދި އެކަމާބެހޭގޮތުން ފަތުރާ ޚަބަރުތަކަކީ އަސާސެއް ނެތް ޚަބަރުތަކެކެވެ.

ނަމަވެސް އީރާނަކީ ބޭނުންވެއްޖެ ހިނދެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދޭ ފަދަ ނިއުކްލިޔާ ފުރިހަމަ ގާބިލްކަން ލިބިފައިވާ ގައުމެއްކަން އެ ގައުމުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލް އާ ހަވާލާދީ 'އަލްއާލަމް' ނިއުސް ނެޓްވޯކު ބުނެއެވެ.

"އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ" އައި.އޭ.އީ.އޭ. ތުހުމަތު ކުރާގޮތުގައި އީރާނުގެ ނިއުކްލިޔާ މަދަނީ ޕްރޮގްރާމާ އެއްވަރުގެ އަސްކަރީ ނިއުކްލިޔާ ޕްރޮގްރާމެއް އެގައުމުން ސިއްރިޔާތުގައި ގެންގުޅެއެވެ. އެ ޕްރޮގްރާމުގެ ރިއެކްޓަރުތަކާއި ސެންޓްރިފިއުޖް މެޝިންތަކާއި ކަމާބެހޭ ލެބޯޓްރީތައް ހުންނާނެ ކަމަށް ބެލެވެނީ ފަރުބަދަތަކުގެ އަޑީގައެވެ.

އެމެރިކާ ލަފާކޮށްފައިވާ ގޮތުން އީރާނަކީ ބޭނުންވެއްޖެ ހިނދެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދޭ ފެންވަރަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކޮށްފައިވާ ގައުމެކެވެ. ނަމަވެސް ނިއުކްލިޔާ ތަޖުރިބާއެއް ކުރަން އީރާން އުޅޭކަމާބެހޭގޮތުން އެމެރިކާ ވާހަކަ ދައްކާފައެއް ނުވެއެވެ. އެމެރިކާ ވަނީ އިސްރާއީލުން އީރާނަށް ދޭން އުޅޭ ހަމަލާތަކުގައި އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހިމަނައިގެން ނުވާނެކަން އިސްރާއީލަށް އަންގާފައެވެ.

އީރާނުގެ ނިއުކްލިޔާ ރިއެކްޓަރު ތަކުގެ ތެރެއިން ބިން މައްޗަށް ފެންނަން ހުންނަ ކަމަށް ވަނީ އޭގެ ވަރަށް ކުޑަ ބައެއްކަމަށްވެއެވެ. ހައްސާސް ބައިތައް ހުންނަކަމަށް ވަނީ ފަރުބަދަތަކުގެ އަޑީގައެވެ. އީރާނަށް ވަރަށް އަވަހަށް ހަމަލާ ދޭނެކަމަށް އިސްރާއީލުން ބުނިތާ ވަނީ ހަފުތާއެއް ވެފައެވެ. އަދި އިސްރާއީލަށް މިކަން ކުރަން ކެރިފައެއް ނުވެއެވެ. ދަނީ ފަސްޖެހެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް