އިސްރާއީލުގެ ކިބައިން ބަދަލު ހިފުމަށް ޚާމަނާއީގެ އަމުރެއް

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢާލި ޚާމަނާއީ. އިސްރާއީލުގެ ކިބައިން ބަދަލު ހިފުމަށް ޚާމަނާއީ ވަނީ އަމުރުކުރައްވައިފައި. ފޮޓޯ/އޭޕީ

އިސްރާއީލުން އިރާނަށް މިދިޔަ ހަފްތާ ދިން ހަމަލާއިން ލިބުނު ގެއްލުން އަޅާނުލާ ދޫކޮށްލާ ވަރަށް ވުރެ މާ ބޮޑު ކަމަށާއި، ބަދަލު ހިފުމުގެ ހަމަލާއެއް އިސްރާއީލަށް ދިނުމަށް ތައްޔާރު ވުމަށް އެ ގައުމުގެ އެންމެ މަތީ ގައުމީ ސަލާމަތީ މަޖިލީހަށް، އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ ޢަލީ ޚާމަނާއީ އަންގަވައިފިއެވެ.

އީރާނުގެ ތިން އޮފިޝަލަކާ ހަވާލާދީ ނިއު ޔޯކު ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޚާމަނާއީ އެގޮތަށް ނިންމެވީ އީރާނުގެ މިސައިލް އުފެއްދުމުގެ ގާބިލްކަމާއި ތެހެރާންގެ ވަށައިގެންވާ ވައިގެ ދިފާއީ ނިޒާމުތަކަށް ލިބުނު ގެއްލުންތަކާއި، ހަކަތަ އުފައްދާ ނިޒާމު އަދި އެ ގައުމުގެ ދެކުނުގައި އޮންނަ މައިގަނޑު ބަނދަރަށް ލިބުނު ގެއްލުމާބެހޭ ގޮތުން އެކުލަވާލާފައިވާ ތަފްސީލީ ރިޕޯޓެއް ބެއްލެވުމަށްފަހުއެވެ.

އީރާނުގެ އަސްކަރީ ގާބިލްކަމަށް ލިބުނު ގެއްލުމުގެ މިންވަރަށް ބަލާއިރު "ޖަވާބު ނުދިނުމުގެ މާނައަކީ ބަލި ގަބޫލުކުރުން" ކަމަށް ޚާމަނާއީ ވިދާޅުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އޮފިޝަލުން ބުނީ އީރާނުގެ އަސްކަރީ ލީޑަރުން މިހާރު އަންނަނީ އިސްރާއީލުގެ އެތެރޭގައި އަސްކަރީ ހަމަލާތައް ދޭނެ އަމާޒުތަކުގެ ލިސްޓެއް ތައްޔާރު ކުރަމުންނެވެ. ނަމަވެސް ހަމަލާތައް ދިނުން އެކަށީގެންވަނީ އެމެރިކާގެ އިންތިޚާބަށް ފަހު ކަމަށާއި އެއީ އެ ސަރަހައްދުގައި މިވަގުތު ހަމަނުޖެހުން ހިންގައިފިނަމަ، އޭގެ ފައިދާ އެމެރިކާގެ އިދިކޮޅު ލީޑަރު ޑޮނަލްޑް ޓްރަމްޕަށް ލިބިދާނެތީ އީރާނުން ކަންބޮޑުވާތީ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ނިއު ޔޯކު ޓައިމްސް އިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ލީޑަރުން ވެސް ވަނީ އީރާނަށް އިތުރު ހަމަލާތަކެއް ދޭން ތައްޔާރަށް ތިބިކަމަށް އިޝާރާތްކޮށްފައެވެ.

އެގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ދާދިފަހުން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން އިސްރާއީލުން ދެވަނަ ބުރުގެ ހަމަލާތަކުގައި އިތުރު ގެއްލުންތަކެއް ދިނުމަށް މަގުފަހިވެފައިވެއެވެ. އަދި އީރާނުގެ ކޮންމެ ތަނަކަށް ވެސް މިހާރު ވާސިލުވެވޭނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

އޮކްޓޯބަރު 26 ވަނަ ދުވަހު އިސްރާއީލުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނީ، އެކެއް އޮކްޓޯބަރުގައި އިރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާއާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އޮކްޓޫބަރު އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ހަމަލާދިނީ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲގެ ލީޑަރު ޙަސަން ނަޞްރުﷲއާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

comment ކޮމެންޓް