ފިހާރަތެރޭ ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރައެއް ތެރޭ ތޫނު އެއްޗަކުން މީހަކަށް ހަމާލާދިން މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. މަސްފަން، މުނީޒް (37އ) އެވެ.

މި ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ރެއެވެ.

ފުލުހުން ބުނީ، ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު އެ ރޭ 22:01 ހާއިރު ރިޕޯޓުކުރި ކަމަށެވެ.

އަދި އެ ހާދިސާގައި އަނިޔާ ލިބުނީ ދިވެހި ފިރިހެނަކަށް ކަމަށްވާއިރު، އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މުނީޒް ހައްޔަރުކުރިކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް