ގއ. ބިހެރަހާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ރަށުގެ ބޮޑުބައެއް އަނދައިފި

ބިހެރަހާގައި އަލިފާން ރޯވެފައި -----

ގއ. ގެމަނަފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގއ. ބިހެރަހާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިކަމާ ގުޅިގެން ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ނާޝިދު 'ސަން'އަށް ވިދާޅުވީ، މިހާދިސާ ހިނގީ އިރުއޮއްސި 6:30 ހާއިރު ކަމަށާއި މިހާރު އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އަލިފާންގަނޑު ރޯވާން ދިމާވި ކަމަށް ބެލެވެނީ އެރަށަށް ދިޔަ ބަޔަކު ރޯކުރި އަލިފަންގަނޑެއްގެ ސަބަބުން ކަމަށް ނާޝިދު ވިދާޅުވިއެވެ. ނަމަވެސް، އެއީ ކޮން ބަޔެެއް ކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ވެފަނުވާ ކަމަށާއި މިހާދިސާގައި ރަށުގެ ބޮޑު ބައެއް އަނދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އަލިފާން ގަނޑު ކޮންޓްރޯލް ވީ އަމިއްލައަށް ކަން އޭނާ ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅުވައި ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށުގައި އަލިފާނުގެ ހާދިސާއެއްގައި ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވި ކަމުގެ މައުލޫމާތު ލިބިނުވާ ކަމަށެވެ. ނަމަވެސް، ފުލުހުން ހަރަކާތްތެރިވުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް