މި ސަރުކާރުން ރާއްޖެއަށްވުރެ އިސްކުރަނީ އިންޑިއާގެ މަސްލަހަތު: ޔާމީން

މިރޭގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ވިދާޅުވީ މި ސަރުކާރުން ރާއްޖެއަށްވުރެ އިސްކުރަނީ އިންޑިއާގެ މަސްލަހަތު ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރުން އިސްކުރަނީ ރާއްޖެއަށް ވުރެ އިންޑިއާގެ މަސްލަހަތު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވަރަށް ބޮޑަށް މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޔާމީންގެ ޕާޓީ ޕީއެންއެފުން ސިލްސިލާކޮށް، ކޮންމެ ހަފުތާއަކު ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، އަވަށްޓެރި ގައުމުތަކުގެ މެދުގައި އިންޑިއާ ފަސްޓް ޕޮލިސީ ގަބޫލުކުރުމަށް އެދި ވިއްކަމުން އައީ އެގައުމުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ސަބަބުން އުފާވާ ކަމަށާއި ކަންބޮޑުވަނީ އެގައުމަށް ކޮށްދެވެން އޮތް ކަންތައް ހައްލު ކުރުމަށް ސަރުކާރުން ނޭދެތީ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން: މި ސަރުކާރުން އިސްކުރަނީ ރާއްޖެއަށް ވުރެ އިންޑިއާގެ މަސްލަހަތު ކަމަށް ވިދާޅުވީ --- ސަން ފޮޓޯ/ މޫސާ ނަދީމް

އިތުރަށް އޭނާ ވިދާޅުވީ، ގައުމުތަކަށް ވެރިން ކުރައްވާ ދަތުރުފުޅުތަކުން ކަންތައްތަކެއް ހަމަޖެހިގެން ދާން ޖެހޭނެ ކަމަށެވެ.

އެމީހުންނަކަށް [މި ސަރުކާރަށް] މޯލްޑިވްސް ފަސްޓެއް ނޫން. ގައުމެއް ނޫން އެންމެ ފުރަތަމަ ކަމަކީ. އެންމެ ފުރަތަމަ ކަމަކީ އިންޑިއާގެ މަސްލަހަތު. ކުރީގެ ރައީސް ޔާމީން

ރާއްޖެ އޮތް ހާލަތަށް ބަލާއިރު، އިންޑިއާއަށް ރާއްޖެއަށް ތިން ކަމެއް ކޮށްދެވެން އެބަ އޮތް ކަމަށާއި އެތިން ކަންތައް ކޮށްދިނުމަށް އެދި ސަރުކާރުން ހުށަހަޅާފައިނުވާ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އޭގެތެރޭގައި، އިންޑިއާ ސިފައިންގެ މައްސަލައާއި ޗާގޯސް މައްސަލައިގެ އިތުރުން އެގައުމުން ނަގާފައި ހުރި ލޯނުތައް މައާފުކޮށްދޭން އެދުން ހިމެނެއެވެ.

ޔާމީން: މި ސަރުކާރުން ރާއްޖެއަށްވުރެ އިސްކުރަނީ އިންޑިއާގެ މަސްލަހަތު ކަމަށް އޭނާ ވިދާޅުވި --- ސަން ފޮޓޯ/ މޫސާ ނަދީމް

އެވާހަކަ މި ސަރުކާރުން ހުށަހަޅަން ޖެހޭ ކަމަށާއި ރާއްޖެއަށް ދަތިވާ ކަމެއް ހުށަނާޅާ ނަމަ އިންޑިއާ ސަރުކާރަށް ނޭނގޭނެ ކަން ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖެ އިގުތިޞާދީ ގޮތުން އޮތް ހާލަތުން އިންޑިއާއިން ނަގާފައި ހުރި ލޯނުތައް މާފުކޮށްދިނުން ނުވަތަ ފަސްކޮށްދިނުމުގެ ގާބިލްކަން އެ ގައުމުގެ ސަރުކާރުގައި ހުރި ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

އަޅުގަނޑުމެނަށް މިއުޅެނީ އިންޑިއާއިން އަޅުގަނޑުމެން ނަގާފައި ހުރި ލޯނުތައް ދިގު މުއްދަތަކަށް ބަހާލަދޭން އެދެން ނުކެރިގެން. ސަރުކާރުން އެބަ އެދެން ޖެހޭ މީއްޗިހި މާފުކޮށްދޭން. މިއީ ތިމަންނަމެނަށް އުފުލޭވަރުގެ ޒިންމާއެއް ނޫނޭ. މީ ކުރީ ސަރުކާރުން ނަގާފަ ހުރި ލޯނުތަކޭ ތިންމަންނަމެނަށް ހަވާލުވާން އުނދަގުލޭކުރީގެ ރައީސް ޔާމީން

ރައީސް މިވަގުތު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެގައުމުގެ ރައީސް ދްރުޕަތީ މުރްމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.

comment ކޮމެންޓް