ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުން މިހާރު ރުޕޭ ކާޑު ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.
ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައިވަނީ މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހުގައެވެ.
މިކަމާ ގުޅުވާ އެ ބެންކުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައި ވާކަމަށެވެ.
ނެޝެނަލް ޕޭމެންޓް ކޯޕަރޭޝަން އޮފް އިންޑިއާގެ ޕްރޮޑަކްޓެއް ކަމަށްވާ ރުޕޭއަކީ މިހާރު ދުނިޔޭގައި 300 މިލިއަނަށްވުރެ ގިނަމީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމެންޓް ނެޓްވޯކެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޑެއިލް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގައި ރުޕޭ ކާޑު ބަލައިގަތުން މަގުފަހިކުރުމަށް ނެޝެނަލް ޕޭމެންޓް ކޯޕަރޭޝަން އޮފް އިނޑިއާއެކު ބަވެރިވެވޭކަމީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށް ބުނެފައެވެ.
"އިންޑިއާގެ ރީޓެއިލް ޕޭމެންޓް ސިސްޓަމްތަކަށް ރޫޕޭގެ ސަބަބުން ފާހަގަކޮށްލަންޖެހޭ ބޮޑު ބަދަލެއް އައިސްފައި ވާއިރު ރާއްޖޭގެ އެންމެ ފުޅާ ބޭންކިން ނެޓްވޯކުގައި ބޭންކް އޮފް މޯލްޑިވްސް އިން ރުޕޭ ކާޑުގެ ޚިދުމަތް ދޭން ފެށުމާއިއެކު ރުޕޭ ކަސްޓަމަރުންނަށް ފައިސާ ދެއްކުން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ." ނިމާލް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ.
ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ.
މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ދެ ގައުމުގެ ވެރިން ދެއްކެވި ވާހަކަފުޅުގެ ތެރެއިން މޯދީވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ވެސް ފަށާނެ ކަމަށް ވިދާޅުވެފައެވެ.