މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަންމޯހަން ސިންހް އަވަހާރަވުމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގައި ހުޅުވި ތައުޒިޔާގެ ދަފުތަރުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ސޮއިކުރައްވައިފިއެވެ.
ސިންހް، އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 އިން 2014އަށެވެ. އެއީ، ޖަވާހަރްލާލް ނެހްރޫއާއި އިންދިރާ ގާންދީއާއި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފަހު، އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ.
ދަފުތަރުގައި ސޮއިކުރައްވައި ރައީސް މުއިއްޒު ލިޔުއްވި މެސެޖުގައި، ސިންހަކީ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި، ޚާއްޞަކޮށް ޙިކުމަތްތެރި ނިންމެވުންތަކާ އެކު އެތައް ބައެއްގެ އިޚުތިރާމު ހޯއްދަވާފައިވާ ޝަޚުސެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
ކުރިން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، މަންމޯހަން ސިންހް ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގެ ހަނދާންތައް އާކުރައްވައި، އެ ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގެ އުންމީދުތަކަށް އިތުރު ހަރުދަނާކަމެއް ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ.
މި މެސެޖުގައި ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރުގެ ޢާއިލާއަށާއި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފޮނުއްވާފައެވެ.
އިދިކޮޅު އިންޑިއަން ނެޝަނަލް ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ސިންހް ވަނީ 1982އިން 1985އަށް ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރުކަން ކުރައްވައި، 1991އިން 1996އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވައިފައެވެ. އިކޮނޮމިސްޓެއްގެ ގޮތުގައި މަގުބޫލު އުސޫލުތަކެއް ގެންގުޅުއްވި ސިންހް، 1990ގެ އަހަރުތަކުގައި އިންޑިއާއަށް މުހިންމު އިގުތިސާދީ އިސްލާހުތަކެއް ގެނެސްދެއްވިއެވެ.
ސިންހް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ، ރާޖަޔާ ސަބާގައި 1995ގައި ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. އެއަށް ފަހު ރާޖަޔާ ސަބާއިން ރިޓަޔާ ކުރެއްވީ 33 އަހަރު ހޭދަކުރެއްވުމަށް ފަހު މިދިޔަ އޭޕްރިލް މަހުގައެވެ.
ސިންހްގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވުނު ކާމިޔާބީތަކުގެ ތެރޭގައި، އެ ދައުރުގައި ޖީޑީޕީއަށް 8.5 ޕަސެންޓުގެ ކުރިއެރުމެއް ގެނެސްދެއްވުން ހިމެނެއެވެ.