ރުޕޭ ކާޑަކީ ވިޔަފާރީގެ ގުޅުންތައް ރަނގަޅުކުރުމަށް އެޅުނު ފިޔަވަޅެއް: އިކޮނޮމިކް މިނިސްޓްރީ

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު: އެ މިނިސްޓްރީން ބުނީ ރުޕޭ ކާޑަކީ ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ރަނގަޅުކުރުމަށް އެޅުނު ފިޔަވަޅެއްކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރުޕޭ ކާޑުގެ ޚިދުމަތަކީ ވިޔަފާރީގެ މުއާމަލާތް ތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް އަދި ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިގްތިސާދީ ތަރައްގީއާއީ ވިޔަފާރިއާ ބެހޭ ވުޒާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިފަދައިން ބުނެފައި ވަނީ ރާއްޖެއަށް ރުޕޭ ކާޑު އިފްތިތާޙް ކުރުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވަނީ އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި، މި ކާޑުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ފަސޭހަކަމާއިއެކު ފައިސާގެ މުއާމަލާތުތައް ހިންގުމަށް މަގުފަހިވާނެކަމަށެވެ.

އަދި އިންޑިއާއަކީ ރާއްޖޭގެ ވިޔަފާރީގައި މުހިންމު ބައިވެރިއަކަށް ވުމުން މި ކާޑުގެ ޚިދުމަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ކުރެވޭ މާލީ މުއާމަލާތުތައް ފަސޭހަކުރެވި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވެގެން ދާނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އިންޑިއާޔާއެކު މަސައްކަތްކުރުމަށް ލުއިތަކެއް ލިބިގެންދާނެ ކަން ވަނީ ފާހަގަކޮށްފައެވެ.

އެ ބަޔާނުގައި ވަނީ ރުޕޭ ކާޑުގެ ޚިދުމަތަކީ ޒަމާނީ ފައިސާގެ ނިޒާމުތަކާއި ޕޭމެންޓް ވޮލެޓްތަކުގެ އިތުރުން ޑިޖިޓަލް ފައިނޭންސް ސިސްޓަމްތައް ރާއްޖެއަށް ގެނައުމާއި ތައާރަފުކުރުމަށް ރައީސް ކުރައްވާ މަސައްކަތުގެ ތެރެއިން މަސަައްކަތެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ މިފަދަ ޑިޖިޓަލް ޕޭމެންޓް ސިސްޓަމްތަކާއި ޚިދުމަތްތައް ފުޅާކުރުމުގެ މަގުސަދުގައި ދިވެހި ސަރުކާރާއި ނެޝެނަލް ޕޭމެންޓް ކޯޕަރޭޝަން އޮފް އިންޑިއާ އެންޕީސީއައި އާއެކު އެމްއޯޔޫއެއްގައި މިހާރު ސޮއިކޮށް މަސައްކަތް ކުރެވެމުިން ދާކަމަށްވެސް ބުނެފައެވެ.

ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައިވަނީ މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހުގައެވެ.

އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ.

ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ. މިހާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިންވަނީ ރުޕޭ ކާޑަކީ ވެސް ބަލައިގަންނަ ކާޑެއްގެ ގޮތުގައި ހަދައިފައެވެ.

comment ކޮމެންޓް