ޝިފާޢުގެ ހުކުމާ ގުޅިގެން ޢުމަރު: "އުމުރަށް ޖަލަށްލުމަކީ ބުރައެއް، ހައްލަކީ ޝަރީޢާގައިވާ އަދަބުދިނުން"

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ބޮޑެތި ކުށްކުށުގައި ގިނަ ދުވަހު ޖަލުގައި ބޭތިއްބުމަކީ ދައުލަތަށް ބުރަ ބޮޑުވާނެ ކަމެއް ކަމަށް -- ސަން ފޮޓޯ

މަކަރާއި ހީލަތުގެ ކުށް ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ދޭން ޖެހޭ ކަމަށާއި، ބޮޑެތި ކުށްކުށުގައި ގިނަ ދުވަހު މީހުން ޖަލުގައި ބައިތިއްބައި ބެލެހެއްޓުމަކީ ދައުލަތަށް ބުރަ ބޮޑު މަސައްކަތަކަށް ވާނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެން ވިދާޅުވީ، ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައި، ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، ޙުސައިން ޝިފާޢު 109 އަހަރަށް ޖަލަށް ލައި ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމާ ގުޅިގެންނެވެ.

'ސަން'ގެ ޚަބަރުގެ ސްކްރީންޝޮޓެއް 'އެކްސް'ގައި ހިއްސާކުރައްވައި ޢުމަރު ވަނީ، ދައުލަތުން މުޅި އުމުރަށް ޝިފާޢުގެ ހުރިހާ ކަމެއް ބަލަހައްޓަންވީތޯ ސުވާލު އުފައްދަވައިފައެވެ.

"މިފަދަ ކުށްތަކަށް އަދަބުދޭން ޖެހޭނީ ޝަރީޢަތުގައިވާ ގޮތަށް،" ޢުމަރު ލިޔުއްވާފައިވެއެވެ.

އޭނާ 'ސަން'އަށް ވިދާޅުވީ، މިހާރު ގާނޫނު އޮންނަ ގޮތުން ބޮޑެތި ކުށް ސާބިތުވެ ގިނަ ދުވަހު މީހުން ޖަލުތަކުގައި ބައިތިއްބަން ޖެހުމުގެ ސަބަބުން، ދައުލަތުން ހުރިހާ ބުރައެއް އުފުލަން ޖެހި، އާންމު ރައްޔިތުން މާޔޫސްވާ ކަމަށެވެ.

ބެލެވޭ ގޮތުގައި، ޝިފާޢުގެ މައްޗަށް މިއަދު އިއްވި ހުކުމަކީ ރާއްޖޭގައި މިހާތަނަށް މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.

https://sun.mv/215505

ޝިފާއުގެ މައްޗަށް ދައުލަތުން އުފުލި 23 ދައުވާ ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. ޝިފާޢުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ ނަދީމް މިއަދު ވަކިވަކިން އިއްވި އަދަބުތަކުގެ ޖުމުލައަކީ 109 އަހަރެވެ. އަދި، ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް ކުރިއެވެ.

ޝިފާއުގެ މައްޗަށް 109 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް، އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ، އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް ގާޒީ ނަދީމް މީގެ ކުރިން ނިންމެވިއެވެ.

ވަގު ޓީޓީ ބޭނުންކުރި މައްސަލައިގައި 2021 ވަނަ އަހަރު އޭނާ ހޯދަން އިއުލާނުކުރުމަށްފަހު، ޝިފާޢު ހައްޔަރުކުރީ އޭޕްރިލް 28، 2023 ގައެވެ.

ނަމަވެސް ޝިފާޢު ދޫކޮށްލުމުން ފިލައިގެން ރާއްޖޭން ބޭރަށް ދިޔަ ފަހުން އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. އަދި، ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ.

މި ސަރުކާރުން އެގްރިކަލްޗާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް މިދިޔަ އަހަރު ޝިފާޢު އައްޔަންކުރި ނަމަވެސް، ކުއްލިއަކަށް އެ މަގާމުން އޭނާ ވަނީ ވަކިކޮށްފައެވެ.

comment ކޮމެންޓް