އިންޑިއާގެ 'ނެއިބާހުޑް ފަސްޓް' ޕޮލިސީގެ ދަށުން ދިވެހިރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށާއި ރާއްޖެއަށް އަބަދު ވެސް އެންމެ ފުރަތަމަ އެހީވަނީ އިންޑިއާއިން ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ރައީސް ދްރުޕަތީ މުރްމޫގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ މަނިކުފާނު މިއަދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ މިއަދު ބައްދަލުކުރައްވައިފައެވެ. ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.
ބައްދަލުކުރެއްވުމަށް ފަހުގައި ދެއްވި ބަޔާނެއްގައި މޯދީ ވަނީ އިންޑިއާގެ އަވައްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ތެރެއިން ރާއްޖެއަށް ޚާއްސަ އިސްކަމެއްދޭކަން ފާހަގަކުރައްވައިފައެވެ.
"އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވައްޓެރިއާ. އަދި، ގާތް އެކުވެރިއެއް،" މޯދީ ހިންދީ ބަހުން ދެއްވި ބަޔާނުގައި ވިދާޅުވިއެވެ.
"ރާއްޖެއަށް އަބަދު ވެސް އެންމެ ފުރަތަމަ އެހީވީ އިންޑިއާއިން،"
އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރަން ބޭނުންފުޅުވާކަން ހާމަކުރައްވައިފައެވެ. އެގޮތުން، މިއަދު ރާއްޖޭގައި އިންޑިއާ ރުޕޭކާޑު އިފުތިތާހުކުރިކަން މޯދީ ފާހަގަކުރެއްވިއެވެ.
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދެ ޓީ ބިލެއް ދެއްކުން ވެސް އިންޑިއާއިން އޮތީ ފަސްކޮށްދީފައެވެ. އެ ގައުމާ އެކު މިއަދު ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.
މޯދީ ވިދާޅުވީ، އިންޑިއާއިން އަބަދު ވެސް އިސްކަންދޭނީ ދިވެހި ރައްޔިތުންގެ ބޭނުންތަކަށް ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވެފައި އޮއްވައި މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ކުޑައިމީސްކުރުމުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ.
އެކަމަކު، އޭގެ ފަހުން ދެ ގައުމުގެ ގުޅުން ރަނގަޅުވެފައިވާއިރު، މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވައިކުރެއްވިއިރު ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ.
މިހާރު އެ މަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ގައުމުގައި ހުންނަވާއިރު، އަންނަ އަހަރު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން އެ މަނިކުފާނު ވަނީ މޯދީއަށް ދައުވަތު ދެއްވައިފައެވެ.