އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވިޔަފާރީގެ ދާއިރާއިން ވެސް އިތުރުކޮށް، އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަކީ މުހިންމު ހަބަކަށް ހަދަން މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
"[އަމާޒަކީ]، ޓޫރިޒަމްގެ ދާއިރާއިން ވިޔަސް ދަތުރުފަތުރުން ވިޔަސް އިންޑިއާގައި މި ނިއުދިއްލިއަކީ މި ދެންނެވި ގޮތަށް އެކި ދާއިރާތަކުން ރާއްޖެއާ ދެގައުމު ދޭތެރޭ ގުޅުން ބަދަހި ކުރުމުގައި މުހިންމު ތަނަކަށް ހެދުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވާނެކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހަކީ ދެގައުމުގެ ގުޅުމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް މަގުފަހިވެގެންދާ ދުވަސްތަކަކަށް ވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ދިއްލީގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، ކޮންމެ ގައުމަކަށް ދަތުރުކުރައްވާ އިރު ވެސް، އެގައުމެއްގައި އުޅޭ ދިވެހީންނާ ބައްދަލުކުރުމަކީ އެމަނިކުފާނު ކުރާހިތުން ކުރައްވާ ކަމެއް ކަމަށެވެ.
"އަޅުގަނޑު ގަސްދުކުރަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ލިބޭނެ ގޮތަށް މިހާރަށް ވުރެ ފުރިހަމަ ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެއީ މި ސަރުކާރުގެ ސިޔާސަތުކަން ވެސް ފާހަގަކުރައްވަ ރައީސް ވިދާޅުވީ، ދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުރުމުން ވާނެ ފައިދާތަކެއް ވެސް ހުންނާނެ ކަމަށެވެ. ނަމަވެސް, މިހާރަށް ވުރެ ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކުރުމުން އެކަންކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އިންޑިއާއަށް ވަޑައިގެން ރައީސް ވަނީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޖައިޝަންކަރު ވަނީ ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަކަމަށް ވިދާޅުވެފައެވެ.