އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފަހަތުން އަރައި ފުލަމް ބަލިކޮށް, އަމިއްލަ ދަނޑުގައި ބަލިނުވެ 50 މެޗު ހަމަކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-2 އިންނެވެ.
ސިޓީން މެޗު ވަރުގަދަކޮށް ފެށި ނަމަވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ފުލަމްއަށެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ފުލަމްއިން މެޗުގެ ކުރީކޮޅު ނުރައްކާތެރި ދެތިން ހަމަލާއެއް އުފައްދައި ސިޓީ ހާސްކޮށްލިއެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފުލަމްއިން މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޑްރިއަސް ޕެރޭރާއެވެ. ނަމަވެސް، މި ލީޑު އެ ޓީމަށް ދެމެހެއްޓޭގޮތްވީ އެންމެ ހަ މިނެޓު ވަންދެނެވެ. މިގޮތުން، މެޗުގެ 32 ވަނަ މިނެޓުގައި ސިޓީގެ މެޓިއޯ ކޮވަސިޗް ޖަހައިދިން ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ކޮވަސިޗް ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް، ސިޓީއަށް މެޗުގެ ލީޑު ނަގައިދީފައެވެ. މެޗުގައި ސިޓީގެ ފަހު ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެރެމީ ޑޮކޫއެވެ. އަދި، ފުލަމްއިން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު އޭގެ ހަ މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ރޮޑްރިގޯ މުނީޒެވެ. މި ލަނޑާ އެކު ފުލަމްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތްކުރި ނަމަވެސް މެޗު ނިމިގެންދިޔައީ މި ނަތީޖާގައި އޮވެއެވެ.
މި ކާމިޔާބީއާ އެކު ސިޓީންވަނީ ދެ މެޗުން އެއްވަރުވުމަށް ފަހު މެޗެއް ކާމިޔާބުކޮށްފައެވެ. އަދި، މިއާ އެކު އެ ޓީމުން މިހާރު ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ، 50 މެޗު ހަމަކޮށްފައެވެ. އެ ޓީމު އޮތީ 17 ޕޮއިންޓާ އެކު ދެވަނައިގައެވެ. ފުލަމް އޮތީ 11 ޕޮއިންޓާ އެކު ހަތްވަނައިގައެވެ.
މުބާރާތުގައި ވެސްޓް ހޭމް ޔުނައިޓެޑާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު 4-1 އިން ކާމިޔާބުކޮށްފައިވަނީ ވެސްޓް ހޭމްއިންނެވެ.
މެޗުގައި ވެސްޓް ހޭމްއިން ކާމިޔާބުުކުރި ހަތަރު ލަނޑު ޖަހައިދިނީ މިކައިލް އެންޓޯނިއޯ، މުހަންމަދު ކުޑޫސް، ޖެރޯޑް ބޮވެން އަދި ލޫކަސް ޕަކެޓާއެވެ. މެޗުގައި އިޕްސްވިޗްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ލިއާމް ޑެލަޕެވެ.