އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވައިފިއެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އދ.އަށް އަލުން ވަޑައިގަތުމަށް ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ.
އދ.އަށް ވަޑައިގެން ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވައި ޝާހިދު ވަނީ އިންޓަނޭޝަނަލް ކޮމިއުނިޓީޒް އޯގަނައިޒޭޝަނާ (އައިސީއޯ) އާއެކު އޭނާ ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ އޭނާގެ ވެސް އަދި އދ.ގެ ވެސް މަސައްކަތްތައް ޚާއްސަކުރެވިފައި ވަނީ ޑިޕްލޮމެސީއަށް އެއްބާރުލުން ދިނުމާއި، އިތުބާރު އުފައްދައި، ހަމަނުޖެހުންތައް އުފެދިފައިވާ ސަރަހައްދުތަކުގައި ހަމަޖެހުން ގާއިމުކުރުމަށް ކަމަށެވެ.
އަދި އިންސާފުވެރިކަމާއެކު، ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށް އެންމެންނަށް ވެސް އެހީތެރިވެދިނުމަށް މަސައްކަތް ކުރުމަކީ އަބަދުވެސް އަމާޒުކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދުގެ އަރިހުގައި އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.