ހުޅުމާލޭގައި ދެތަނެއް ފާސްކޮށް، 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހުޅުމާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން: ދެތަނެއް ފާސްކޮށް، 8 ބިދޭސީން ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައި -- ފޮޓޯ/ އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހުޅުމާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، އިތުރު އަށް ބިދޭސީން، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، އެފަދަ ފަރާތްތަކުން ވިޔަފާރިތައް ހިންގާ ތަންތަން ބަލައި ފާސްކޮށް، ޑީޕޯޓްކުރުމަށްޓަކައި ރެއިޑް އޮޕަރޭޝަންތައް ފާއިތުވީ 10 މަސްދުވަސް ތެރޭ ފުޅާ ދާއިރާއެއްގައި މާލޭގައި ހިންގާފައެވެ.

މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް ފަހު މިދިޔަ މަހުގެ 29 ގައި ވަނީ ހުޅުމާލޭގައި އޮޕަރޭޝަންތައް ކުރިއަށް ގެންދަން ފަށާފައެވެ.

މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ އިއްޔެ ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އަލަށް އިމިގްރޭޝަނާ ގުޅިފައިވާ އޮފިސަރުންނަށް ދޭ ޚާއްސަ ތަމްރީނުގެ ދަށުން އެ ރެއިޑުގައި "އިމިގްރޭޝަން އޮފިސާ ޓްރެއިނީސް" ވެސް ބައިވެރިވެފައިވާ ކަމަށެވެ.

https://sun.mv/197353

މިދިޔަ މަހުގެ 29 ގައި ހުޅުމާލޭގައި "މާސް އިންސްޕެކްޝަނެއް" ވެސް އިމިގްރޭޝަންގެ 200 އެއްހާ އޮފިސަރުންނާއެކު ކުރިއަށް ގެންދިޔައެވެ. އެ އިންސްޕެކްޝަންގައި 314 ތަނެއް ބަލައި ފާސްކޮށް 769 ބިދޭސީއަކާ ސުވާލު ކުރި ކަމަށް އިމިގްރޭޝަނުން މައުލޫމާތުދިނެވެ. އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ބައެއް ދިވެހިން އެއްބާރުލުންދޭތީ އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި، އެފަދަ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް އެއްބާރުލުން ދިނުމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު ވަނީ މީގެ ކުރިން އެދިވަޑައިގެންފައެވެ.

އޭނާ ވިދާޅުވީ މަސައްކަތަށް ބޭނުންވާ ބިދޭސީންގެ ޑިމާންޑް ބޮޑުކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުމުގެ އެއްވެސް ނިޔަތެއް އިމިގްރޭޝަންގެ ނެތް ކަމަށާއި އޭގެ ބަދަލުގައި ގަވާއިދާ އެއްގޮތަށް އުޅުމަށް ޝައްމާން ނަސޭހަތްތެރިވިއެވެ.

ފާއިތުވި 10 މަސް ތެރޭގައި ގަވާއިދާ ޚިލާފުވެގެން ރާއްޖޭން 4،054 ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް