މާލޭގައި ވަރަށް ނުތާހިރުކޮށް ހުރި ގެއެއްގެ ތެރޭ ފޮނިފޯއް ހަދައިގެން ވިއްކި ބިދޭސީއަކު އިމިގްރޭޝަނުން ރޭ އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ޚިދުމަތަށް ލިބުނު ރިޕޯޓަކާ ގުޅިގެން ޓާސްކްފޯހުން ރޭ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެތަނުގައި އާންމު މިންގަނޑުތަކާ ޚިލާފަށް ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި ތައްޔާރު ކުރާ ކަމަށް އެ ޕޯސްޓުގައިވެއެވެ.
އިމިގްރޭޝަނުން ވަނީ ގޭގެ އެތެރެ ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ، ވަރަށް މުޑުދާރުކޮށް ހުރި ތަނެއްގައި ފޯއް ކޮށައި، ޕެކެޓުކޮށްފައިވާ މަންޒަރެވެ.
މީގެއިތުރުން، ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެތަނުން ފެނިފައިވާ ކަމަށާއި އެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު، މީގެ ކުރިން ވެސް ނުތާހިރުކޮށް ހުރި ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ހޯމް މިނިސްޓްރީއަށް މައިގަނޑު ހަތަރު ކަމެއް ހަވާލުކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުގެ އަމާޒަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ހައްލުކުރުން ކަމަށް އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވަނީ، މި އަހަރުގެ އަމާޒަކީ ގަވާއިދާ ޚިލާފަށް އުޅޭ 5،000 ބިދޭސީން ފޮނުވައިލުން ކަމަށާއި އެ އަމާޒަށް މިދިޔަ މަހު ވާސިލުވެފައިވާ ކަމަށް ބުނެފައެވެ.