ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި 314 ތަނެއް ބަލައި ފާސްކޮށް 769 ބިދޭސީއަކާ ސުވާލު ކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުގެ މި އޮޕަރޭޝަނުގައި އެ އިދާރާގެ 200 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
އެ އިދާރާއިން ބުނީ ސުވާލުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިއްޔެ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ.
އަދި ވިސާ ފުރިހަމަނުވާ 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސް ދީފައި ވާނެ ކަމަށާއި ގަވާއިދާ ޚިލާފަށް ބިދޭސީ މީހުން ލައްވާ މަސައްކަތްކުރުވާ 92 ދިވެއްސަކަށް ލިޔުމުން ނަސޭހަތްތެރިވެފައި ވާނެކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ދީފައިވާ ނޯޓިސްއާއި އެއްގޮތަށް އެ ފަރާތްތަކުން އަމަލު ނުކޮށްފިނަމަ އިމިގްރޭޝަނުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައި ވާކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މިފަދަ އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، އެފަދަ މީހުންނަށް އިމިގްރޭޝަނުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އިއްޔެ އެ އިދާރާއިން ކުރިއަށްދިޔަ މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށެވެ.
ޝަމްޢާން ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަކަން ފާހަގަކޮށްފައެވެ. އެގޮތުން މާލޭގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުން ޤަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދިން މީހުންގެ 95 ޕަސަންޓު މީހުން އެ އޮފީހަށް ހާޒިރުވެފައި ވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޝައްމާން ވަނީ އެ މީހުންގެ ތެރެއިން ލިޔެކިޔުންތައް ރަނގަޅުކުރުމާއި ވިސާ ރަނގަޅު ކުރުމަށް ބޭނުންވި މީހުންގެ ވިސާ ރަނގަޅުކޮށްދީފައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ކުރެވޭ މަސައްކަތުން ބިދޭސީން ގެންގުޅޭ ފަރާތްްތަކާއި ބިދޭސީ މަސައްކަތްތެރިން ވެސް ޤަވާއިދުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރާ މަންޒަރު މިހާރު ފެންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.