ވިސާ ނެތި ރާއްޖޭގައި ވަޒަންވެރިވެ އުޅެމުން ދާ ފްރާންސްގެ އާއިލާއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ އާއިޝަތު އާޒިމާ ޝަކޫރާއި ފާތިމަތު ދިޔާނާ ސައީދު ނިންމަވައިފިއެވެ.
މިއީ ތ. ވޭމަންޑޫގައި އުޅޭ ހަ މެންބަރުންގެ އާއިލާއެކެވެ. ތިން ކުޑަކުދިން ހިމެނޭ އެ އާއިލާ ރާއްޖޭގައި އުޅޭތާ މިހާރު 12 ވަރަކަށް އަހަރު ވާއިރު، ވޭމަންޑޫގައި އެ އާއިލާ ވަޒަންވެރިވެ އުޅޭތާ ގާތްގަނޑަކަށް ހަ އަހަރު ވެއްޖެއެވެ. އެ އާއިލާއިން ރާއްޖޭގައި އުޅެމުން އާމްދަނީ ހޯދަނީ މަސްވެރިކަން ކޮށްގެންނެވެ.
އެ އާއިލާގެ ވާހަކަ އާންމުންނާ ހަމައަށް ތިލަވުމާއެކު އިމިގްރޭޝަނުން ބުނީ، އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް އެ އާއިލާ ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް'އަށް ލިބުނީ ޖުލައި 18ވަނަ ދުވަހު ކަމަށެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އާއިލާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، އެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި އެ އާއިލާގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށާއި އިމިގްރޭޝަން ގާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އާޒިމާ ވަނީ، ފްރާންސްގެ މުސްލިމް އާއިލާއާ ހަމައަށް ވާސިލުވުމަށްޓަކައި އެހީތެރިވުމަށް އެދިވަޑައިގެންފައެވެ. އަދި އެ މީހުންނާ ގުޅިއްޖެ ކަމަށް ވެސް އާޒިމާ ފަހުން ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އަދި އެކަމުގައި އޭނާއާއެކު ދިޔާނާ ވެސް އެ އާއިލާއަށް އެހީތެރިވެދިނުމުގައި އުޅޭކަމަށް ވިދާޅުވިއެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ، އެ އާއިލާއިން އެދުނީ ރަށްވެހިކަން ދިނުމަށް ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބޭރު މީހަކަށް ވެސް ރަށްވެހިކަން ރާއްޖޭގައި ނުދޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ އާއިލާއިން އެދުނީ ރަށްވެހިކަން ނުދެވޭނަމަ ފުރުވާލުމަށް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފްރާންސްގެ އާއިލާގެ މައްސަލަ މީޑިއާއަށް ތިލަވުމާއެކު ގިނަ ބަޔަކު ގެންދަނީ އެކަމާ ގުޅިގެން ބަހުސްކުރަމުންނެވެ. އެއްބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނީ، އެއީ މުސްލިމް އާއިލާއަކަށްވެފައި، އެމީހުން ފޮނުވާލުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެއެވެ.