ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ދިވެހިން އެއްބާރުލުންދޭތީ ޝައްމާންގެ ކަންބޮޑުވުން

އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު "ސަން" އަށް އިންޓަވިއުދެއްވަނީ: ޝައްމާން ވަނީ ނުގަވައިދަށް އުޅޭ ބިދޭސީންނަށް ދިވެހިން އެއްބާރުލުންދޭތީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ބައެއް ދިވެހިން އެއްބާރުލުންދޭތީ އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި، އެފަދަ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް އެއްބާރުލުން ދިނުމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު މިއަދު އެދިވަޑައިގެންފިއެވެ.

ނުގަވައިދަށް އުޅޭ ބިދޭސީން ދެނެގަނެ، އެފަދަ ފަރާތްތައް އަތުލައިގަތުމަށް ފާއިތުވި 10 މަސްތެރޭ އިމިގްރޭޝަނުން ވަނީ ފުޅާ އޮޕަރޭޝަންތަކެއް މާލޭގައި ހިންގާފައެވެ. އަދި މިއަދު ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ބޮޑު އިންސްޕެކްޝަނެއް ވަނީ ފަށާފައެވެ.

މިއަދުގެ އިންސްޕެކްޝަންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން "ސަން" އާ ވާހަކަދައްކަވަމުން ޝައްމާން ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ބައެއް ދިވެހި ރައްޔިތުން އެއްބާރުލުން ދިނުން ކަމަށެވެ.

ޝައްމާން ވިދާޅުވީ މަސައްކަތަށް ބޭނުންވާ ބިދޭސީންގެ ޑިމާންޑް ބޮޑުކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުމުގެ އެއްވެސް ނިޔަތެއް އިމިގްރޭޝަންގެ ނެތް ކަމަށާއި އޭގެ ބަދަލުގައި ގަވާއިދާ އެއްގޮތަށް އުޅުމަށް ޝައްމާން ނަސޭހަތްތެރިވިއެވެ.

ޚާއްސަކޮށް ދިވެހިންގެ ބެލުމުގެ ދަށުގައި ތިބޭ އެފަދަ ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށް ނުވަތަ ގަވާއިދުގެ ތެރެއަށް ވެއްދުމަށް އެހީތެރިވުމަށް ވަނީ އެދިވަޑައިގެންފައެވެ.

އަޅުގަނޑު އެދެނީ މިވަގުތުން މިވަގުތަށް ވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ތިބޭފުޅުންގެ ޒިންމާގެ ދަށުގައި [ހުރިނަމަ] ނުބަހައްޓާށޭ. އެފަދަ ފަރާތްތައް ހުރެއްޖެއްޔާ ހަމަ ގަވާއިދުގެ ތެރެއަށް ވައްދަވާ. އޭރުން އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނެތް. އެއީ އިލްތިމާސެއް ރައްޔިތުންނަށް، އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން މުހައްމަދު

ޝައްމާން ވިދާޅުވީ މިހާރުން މިހާރަށް ވެސް ނުގަވައިދަށް އުޅޭ ބިދޭސީންނާ މެދު ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ. އަދި ޖޫރިމަނާ ވެސް ކުރެވޭނެ ކަމަށް ޝައްމާން ވިދާޅުވިއެވެ. ނަމަވެސް އެއީ އިމިގްރޭޝަނުން އެދޭ ގޮތް ނޫން ކަމަށާއި އޭގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއް ނަމަ އެކަހެރިކޮށް އެފަރާތްތައް ދިވެހިންގެ ޒިންމާގެ ދަށުގައި ނުގެންގުޅުމަށް ތަކުރާރުކޮށް އެދިވަޑައިގަތެވެ.

ޝައްމާން ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ތިން އަހަރުތެރޭ ހައްލު ލިބޭނެ ކަމަށެވެ.

އެގޮތުން މިވަގުތު މުޅި މާލެ އޭރިއާގައި އެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އަތޮޅުތެރެއަށް ވެސް އެ އޮޕަރޭޝަން ފުޅާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނުގަވައިދަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކާއި އިންސްޕެކްޝަންތަކުގައި އިމިގްރޭޝަނާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެއެވެ. ޝައްމާން ވަނީ ފުލުހުންގެ އެއްބާރުލުމާއެކު ނޫނީ އެ އޮޕަރޭޝަންތައް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަށް ހަގީގަތުގައި މި މަސައްކަތްކުރުމަށް އެންމެ ބޮޑަށް ރިޒަލްޓް ނެރެވެނީ ހަގީގަތުގައި އަޅުގަނޑުމެންނާއެކު ފުލުހުން މަސައްކަތްކުރާތީވެ. އަޅުގަނޑުމެންނަށް ފުލުހުންގެ އެއްބާރުލުން ނުލިބިއެއް މިވަރުގެ ރިޒަލްޓެއް ނެރެން ދަތިވާނެ، އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން މުހައްމަދު

ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ހުޅުމާލޭގައި ފެށި ބޮޑު އިންސްޕެކްޝަންގައި ފުލުހުންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ބައިވެރިވެފައެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެތައް އަހަރެއް ފާއިތުވެ ދިޔަ އިރުވެސް ހައްލުނުވެ އޮތް މައްސަލައެކެވެ.

މި ސަރުކާރުން ތިން އަހަރުތެރޭ އެ މައްސަލަ ހައްލުކުރުމަށް އަމާޒު ހިފާފައިވާއިރު، ހޯމް މިނިސްޓްރީން އަންނަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަމުންނެވެ. އެގޮތުން "ކުރަނގި އޮޕަރޭޝަން"ގެ ނަމުގައި ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ފާއިތުވި 10 މަސް ތެރޭގައި ގަވާއިދާ ޚިލާފުވެގެން ރާއްޖޭން 4،054 ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް