އެއާޕޯޓު ތަރައްގީކުރިއަސް ދަތުރު ނުކުރާނަމަ ދުރު އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިނާރާނެ: އެމްޔޫ މަނިކު

އެމްޔޫ މަނިކު: އެއާޕޯޓު ތަރައްގީކުރިއަސް ދަތުރު ނުކުރާނަމަ ދުރު އަތޮޅުތަކުގައި ފަތުރިކަން ކުރިނާރާނެކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ އެމްއޭސީއެލް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓުތައް ގާއިމްކޮށް، ތަރައްގީކުރިއަސް އެ އެއާޕޯޓުތަކަށް ފްލައިޓުތަކުން ދަތުރު ނުކުރާނަމަ، މާލެއާ ދުރު އަތޮޅުތަކަށް ފަތުރުވެރިކަން ކުރިނާރާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެއާޕޯޓުތައް ރާއްޖޭގައި އެބަ ގާއިމްކުރެވޭކަމަށެވެ. ނަމަވެސް އެ އެއާޕޯޓުތަކަށް ދުވާލަކު ހަތަރު ވަރަކަށް ފްލައިޓު ދަތުރު ނުކުރާނަމަ، ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިނަރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއާޕޯޓު ހަދައިފިން. ހެދިއަކަސް އެތަކަށް އަދި ޕްލޭނެއް ނުދޭ އިނގޭތޯ. މިތަނަށް ފްރިކުއަންޓް ފްލައިން ނުއުފެއްދިއްޖެނަމަ [ފަތުރުވެރިކަން] ރިވައިވް އެއް ނުވާނެ. [ފްލައިޓުތައް ދަތުރުކުރަން ފެށުމުން] ކޮމާޝަލް އިންޓަރެސްޓު ވެސް އަންނާނެ ކޮންމެ ކަމެއް ވެސް ވާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު އެންމެ މުހިންމީ "ކަނެކްޓިވިޓީ" ކަމަށެވެ.

މީގެ އިތުރުން، އޭނާ ވަނީ ފަތުރުވެރިކަމަށް ޒުވާނުން ބިނާކުރުމުގެ މުހިންމު ކަމަށް ވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން، ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ބޮޑުކުރުމުގެ މަޝްރޫއަށްފަހު ހުޅުވާއިރު، ގިނަ މުވައްޒަފުންތަކެއް ބޭނުންވާނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމްޔޫ މަނިކަކީ ރައްޖެއަށް ފަތުރުވެރިކަން ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކރެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

comment ކޮމެންޓް