އެޑިއުކޭޝަން ޓޫރިޒަމް ފަދަ މާކެޓުތަކެއްގައި އަތްނުލެވި އެބަހުރި، އެއީ ކުރިއެރުވިދާނެ މާކެޓްތަކެއް: ޝިއުރީ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ: ވިދާޅުވީ އެޑިއުކޭޝަން ޓޫރިޒަމް ފަދަ މާކެޓުތަކެއްގައި އަތްނުލެވި އެބަހުރިކަމަށް ---- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

އެޑިއުކޭޝަން ޓޫރިޒަމާއި ސްޕޯޓްސް ޓޫރިޒަމް ފަދަ މާކެޓުތަކެއްގައި އަތްނުލެވި އެބަހުރިކަމަށާއި، އެއީ ރާއްޖޭގައި ކުރިއެރުވިދާނެ މާކެޓްތަކެއްކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައި މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ޝިއުރީ ވިދާޅުވީ، ވޭތުވެދިޔަ 50ވަރަކަށް އަހަރު ރާއްޖެ ޕްރޮމޯޓުކޮށްފައި ވަނީ ހަނީމޫން އަދި ޑައިވިންއަށް ޚާއްސަ ގައުމެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި އަތް ނުލެވޭ ގިނަ މާކެޓުތަކެއް ހުރިތަން މިހާރު ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މިނިސްޓާ ވެސް ފާހަގަކުރައްވައިފި ސްޕޯޓްސް ޓުއަރިޒަމް. ސްޕޯޓްސް ޓުއަރިޒަމް އަޅުގަނޑުމެންނަށް އިންޓްރޮޑިއުސް [ތައާރަފު] ކުރެވިދާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެޑިއުކޭޝަން ޓުއަރިޒަމާއި، ހެލްތް ޓޫރިޒަމް އަދި ފިލްމް ޓޫރިޒަމް ވެސް ރާއްޖެއަށް ތައާރަފުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އޭރިއާތަކަކީ އަޅުގަނޑުމެން މީގެ ކުރިން މާބޮޑަށް އެވާހަކަތައް ނުދައްކާ އޭރިއާތަކެއް،" އޭނާ ވިދާޅުވިއެވެ.

ޝިއުރީ ވިދާޅުވީ ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ފިލްމް ޓޫރިޒަމް ކުރިއަރުވަނީ އެގައުމުތަކަށް ވެސް ފައިދާވާގޮތައް ފަސޭހަވާ ގޮތައް ކަމަށެވެ. ނަމަވެސް، ރާއްޖޭގައި މިކަން ކުރާނެ އޮނިގަނޑެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން ޓޫރިޒަމަށް ބަލާނަމަ، އޮފް ސީޒަނުގައި ސަމާ ކޭމްޕް ފަދަ ކޭމްޕްތައް ބޭއްވުމަކީ ކުރިއަށްގެންދެވިދާނެ ހަރަކާތްތައް ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް، ރާއްޖެއާ ގުޅޭ ފިލްމެއް ހެދުމަށް ހޮލީވުޑާއެކު މަސައްކަތް ކުރާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އަދި ޝިއުރީ ފާހަގަކުރެއްވި ދާއިރާތަކުން ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ މަޝްވަރާތައް މިހާރު ވެސް ކަމާގުޅޭ އިދަރާތަކުން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް