މެކް އެލިސްޓާއާއި ސަލާހުގެ ލަނޑުން ލިވަޕޫލަށް މޮޅެއް

ލިވަޕޫލު ކުޅުންތެރިން އުފާފާޅުކުރަނީ: އެ ޓީމުން ވަނީ މެޗު ކާމިޔާބުކޮށްފައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން އިޓާލިއަން ސެރީއާގެ ބޮލޯނިއާ ބަލިކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

ލިވަޕޫލުން މެޗު ފަށާފައިވަނީ އާންމުކޮށް ޗެމްޕިއަންސް ލިގުގެ މެޗުތައް އެ ޓީމުން ފަށާ ފޯރީގައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 11 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސިސް މެކް އެލިސްޓާއެވެ. މި ލަނޑާ އެކު ލިވަޕޫލުން ލީޑު ނެގި ނަމަވެސް ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ވާދަކުރަމުންދާ ބޮލޯނިއާއިން ހިތްވަރު އެލުވައިނުލާ ވަނީ ލިވަޕޫލުގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތްކޮށްފައެވެ.

ދެވަނަ ހާފުގައި ވެސް ބޮލޯނިއާއިން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތްކުރިތަން ފެނިގެންދިޔައެވެ. ނަމަވެސް, މި ހާފުގައި ވެސް އަނެއްކާ ވެސް ފެނިގެންދިޔައީ ލިވަޕޫލުން ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާކުރި ތަނެވެ. މިގޮތުން މި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހަންމަދު ސަލާހެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 49 ވަނަ ލަނޑެވެ.

މި ކާމިޔާބީއާ އެކު ލިވަޕޫލް މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަ ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައިގައެވެ. އަދި، ބޮލޯނިއާ އޮތީ އެއް ޕޮއިންޓާ އެކު ތާވަލުގެ 26 ވަނައިގައެވެ.

މުބާރާތުގައި ޑަޗް އެރެޑިވިސީގެ ފެޔެނޯޑް ރޮޓަޑަމާއި ސްޕެނިޝް ލަލީގާގެ ޖިރޯނާ ބައްދަލުކުރި މެޗު ފަހަތުން އަރައި 3-2 އިން ކާމިޔާބުކޮށްފައިވަނީ ފެޔެނޯޑެވެ.

މެޗުގައި ފެޔެނޯޑްއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ޖިރޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ޔަންގެލް ހެރޭރާއާއި ލަޑިސްލާވް ކްރެއިޗީ އަތުން ބައި ކޮޅަށް ވަން ދެ ލަނޑެވެ. އަދި، ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނީ މިލަމްބޯއެވެ. އަދި، ޖިރޯނާއިން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޭވިޑް ލޯޕޭޒާއި ޑޮނީ ވެން ޑެ ބީކެވެ.

މިއާ އެކު ފެޔެނޯޑް މިހާރު އޮތީ ދެ މެޗުން ލިބިފައިވާ ތިން ޕޮއިންޓާ އެކު ތާވަލުގެ 22 ވަނައިގައެވެ. އަދި، ޖިރޯނާ އޮތީ ޕޮއިންޓެއް ނުލިބި 30 ވަނައިގައެވެ.

comment ކޮމެންޓް