ސްޓެލްކޯގެ ފަސް ލައްކަ ގަސް އިންދުމުގެ މަޝްރޫއު: 36،825 ގަސް އިންދައިފި

ސްޓެލްކޯގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިން: ހަތަރު މަސް ތެރޭ އެ ކުންފުނިން ވަނީ 36،825 ގަސް އިންދައިފަ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިދިޔަ ޖޫން މަހުގެ ފަހެއްގައި ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ސްޓެލްކޯއިން ފެށި ފަސް އަހަރު ތެރޭ ފަސް ލައްކަ ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ތިން މަސް ތެރޭ އެކުންފުނިން 36،825 ގަސް އިންދައިފިއެވެ.

މި މަޝްރޫއުގެ ދަށުން ސްޓެލްކޯއިން ޚިދުމަތް ދޭ ރަށްތަކުގައި ގަސް އިންދަން ވަނީ ފަށާފައެވެ. އެގޮތުން، އެ ކުންފުނިން 33 ރަށެއްގައި ޚިދުމަތް ދޭއިރު، މި މަޝްރޫއު ފަށާފައި ވަނީ ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

https://sun.mv/192903

މި މަޝްރޫއާ ގުޅުވައި މިއަދު ސްޓެލްކޯއިން ބުނީ، މި މަޝްރޫއުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް އެކުންފުނިން ޚިދުމަތް ދޭ ރަށްރަށުގައި 36،825 ގަސް އިންދާފައިވާ ކަމަށެވެ.

އަދި، ފަސް ލައްކަ ގަސް އިންދުމަށް ވާސިލްވާން 463،175 ގަސް އިންދަން ޖެހޭ ކަމަށް އެކުންފުނިން ބުނެފަައިވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މީގެކުރިން، ވިދާޅުވީ މި ޕްރޮގްރާމަކީ ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިފުތިތާހުކުރެއްވި ފަސް މިލިއަން ގަސް ޕްރޮގްރާމަގައި ބައިވެރިވެ އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ސްޓެލްކޯގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިން: ތިން މަސް ތެރޭ އެ ކުންފުނިން ވަނީ 36،825 ގަސް އިންދައިފަ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

އޭނާ ވިދާޅުވީ މި ޕްރޮގްރާމް ފެށުމުގެ ގޮތުން ތުލުސްދޫގައި 5000 ގަހާއި 1000 ރުއް އިންދުމުގެ މަސައްކަތް ކުރި ކަމަށެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދޭ ޚިދުމަތަކީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅިފައިވާ ޚިދުމަތެއް ކަމަށާއި އެ ޚިދުމަތާ ގުޅިގެން ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ލިބެން ބޭނުން ނުވާ ކަމަށެވެ.

ރާޢްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ވަނީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ފަށާފައެވެ. މި މަޝްރޫއު ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންވެސް ވަނީ ގަސް އިންދަވާފައެވެ.

comment ކޮމެންޓް