ރާއްޖޭގެ ފަރުތަކަށް ބޯޓުފަހަރު އަރައިގެން ލިބޭ ގެއްލުމަށް ވުރެ ސަރުކާރުން ހިންގާ މަޝްރޫތަކުން ފަރުފަޅުތަކަށް ލިބޭ ގެއްލުން ބޮޑުކަމަށް، ސޭވް މޯލްޑިވްސް ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ތިމާވެށީގެ އެކްޓިވިސްޓު ހުމައިދާ އަބްދުލްޣަފޫރު މިރޭ ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި، އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުން މިސާލު ނަންގަވައި ހުމައިދާ ވިދާޅުވީ، މިދިޔަ އަހަރު އެ މަސައްކަތް ކުރިއަށް ގެންދަން ނިންމިއިރު 1.3 ބިލިއަން ރުފިޔާގެ ޚަރަދެއް ކުރާނެ ކަމަށް ސަރުކާރުން އިއުލާނު ކުރި ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ފަރަށް ލިބޭ ގެއްލުމުގެ އެއްބައި އަންދާޒާ ކުރިއިރު 300 މިލިއަނާއި 850 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އަރާނޭ ކަމަށް އަންދާޒާ ކޮށްފައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވީމަ މި ދަންނަވާ 1.3 ބިލިއަން ދިވެހި ރުފިޔާ އެއީ ގާތްގަނޑަކަށް 84-85 މިލިއަން ޑޮލަރު. އެވަރު ހޭދަކޮށްގެން މި ގެއްލުންދެނީ އެއަށްވުރެ މާ ބޮޑެތި އަދަދުތަކެއްގެ ގެއްލުން. އެހެންވީމަ ކިހިނެއްތޯ އެއްވެސް އިރެއްގައި އެ ގެއްލުން އަނބުރާ ހޯދޭނީ. ގެއްލުމުން އަރައިގަނެވޭނީ. އަޅުގަނޑުމެން މިއަށް ކިޔަނީ ގެއްލުމުގެ މައްޗަށް ގެއްލުން ދިނުން.ހުމައިދާ އަބްދުލް ގަފޫރު
ހުމައިދާ ވިދާޅުވީ ފަރަކީ ރާއްޖޭގެ ހިމާޔަތުގައި އޮންނަ އެއްޗެއްކަން އެންމެންނަށްވެސް އެނގެންވާނެ ކަމަށާއި ފަޅުފަރުތަކަކީ ރަށްތަކުގެ ގުދުރަތީ ދިފާއީ ނިޒާމު ކަމަށް ވާއިރު ގަސްތުގައި އެތަންތަން ހަލާކުކުރުމަކީ ތަރައްގީއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ބޯޓުފަހަރު ފަރަށް އަރައިގެން ލިބޭ ގެއްލުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ޖޫރިމަނާ ފައިސާ ހޯދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ތިމާވެއްޓަށް ކުރާ ގެއްލުމަކީ އޭނާގެ ނަޒަރުގައި ފައިސާއިން އަގުކުރެވޭނޭ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ފަރުތަަކަށް ބޯޓުފަހަރު އަރައިގެން ލިބޭ ގެއްލުމަށްވުރެ ދިވެހި ސަރުކާރުން ހިންގާ މަޝްރޫތަކުން ފަރުފަޅުތަކަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޫރިމަނާތަކަށް އިޝާރާތް ކުރައްވައި ހުމައިދާ ވިދާޅުވީ، ގާނޫނުގެ ދަށުން ޖޫރިމަނާކުރެވޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށާއި އާންމު ގޮތެއްގައި އެގޮތަށް ކުރާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުވެސް ލިބޭ ކަމަށެވެ.
އޭނާ ވިދާޅުވީ، 2009އިން ފެށިގެން އީޕީއޭއިން 100 މިލިއަން ރުފިޔާއިން އަށް ފަހަރަކު ބޯޓުތައް ޖޫރިމަނާކުރި ނަމަވެސް ފައިސާ ލިބިފައިވަނީ އެންމެ ހާލަތެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ކަން ހިނގާގޮތަކީ ޖޫރިމަނާ ނުދެއްކުން. އެގޮތުން އެކި ކަންކޮޅުތަކަށް ބޯޓުފަހަރު އަރައިގެން ބޮޑެތި ގެއްލުންތަކެއް ލިބިގެން ކޮށްފަހުރި ޖޫރިމަނާތައް އަދިވެސް އޮތީ ނުދެއްކި،" ހުމައިދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖޫރިމަނާ ކޮށްގެން ލިބޭ ފައިސާއިން ފަރުތައް އިއާދަ ނުވާނެ ކަމަށާއި ޖޫރިމަނާއަށް ބަލާއިރު، ޖޫރިމަނާއިން ލިބެނީ ފަރަށް ކުރި ގެއްލުމުގެ އަދަދު ނޫން ކަމަށެވެ.
ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެންދާ މައްސަލަ ވަނީ ބޮޑުވެފައެވެ.
މިދިޔަ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީން ވަނީ ޖޫރިމަނާގެ ފައިސާ ނުލިބެނީ އީޕީއޭއިން ފަރުވާކުޑަ ކަމުން ކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލައިގައި އީޕީއޭ ކޮމިޓީއަށް ހާޒިރުކުރުމުން އެ އޭޖެންސީން ވަނީ މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި ބަޖެޓުގެ ދަތިކަން ހުރިކަން ފާހަގަކޮށްފައެވެ.