އައްޑޫސިޓީ ހިތަދޫ ކިނބިވައު ސަރަހައްދުން ފުއްޓަރު ފަރާތަށް ކްލޮރިން ފާޓާތަކެއް އެޅުމާ ގުޅިގެން، އެ ސަރަހައްދަށް ގިނަ އަދަދެއްގެ މަރުވެފައިވާ މަސް ލައްގައިފިއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސަރަހައްދަށް ކްލޮރިން އަޅައިފައި ވުމުން މަހާއި ބޯވަ ފަދަ ދިރުންތައް މަރުވެގެން ލައްގަމުން އަންނަ ކަމަށެވެ.
"އަދި ފަރުން ވެސް އެބަ ފެނޭ އޭގެ އަަސަރު، ފަރު ހުދުވެ ވަރަށް ބޮޑަށް މި ސަރަހައްދުގެ ވެއްޓަށް އަނިޔާވެފައިވާކަން. ވަރަށް ދެރަކޮށް ހިނގާފައި ހުރި ކަމެއް، ކޮންމެ ބަޔަކު ކުރި ނަމަވެސް މިއީ ކޮށްގެން ވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އެއީ ކޮން ބަޔަކު ގެންދިޔަ ކްލޮރިން ފާޓާތަކެއްކަން މިހާތަނަށް އެނގިފައިނުވާ ކަމަށެވެ. ނަމަވެސް އެހާ ބައިވަރު ކްލޮރިން އާންމު ފަރާތެއްގެ ބޭނުމަށް ގެނެސްފައިވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އޭނާ ލަފާކުރައްވަނީ އެއީ ސަރުކާރުގެ މުއައްސަސާއެއްގެ ބޭނުމަށް ގެނެސްފައިވާ ކްލޮރިން ކަމަށެވެ.
"މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގައިގެން ތަހުގީގު އެބަ ކުރިއަށްދޭ، އަޅުގަނޑު ދަންނަވާނީ މި ސަރަހައްދަށް އެއްވެސް ބަޔަކަށް ނޭރެން،" ނިޒާރު އިލްތިމާސްކުރެއްވިއެވެ.
"ޚާއްސަކޮށް ހިތަދޫ ފުއްޓަރާވީ ފަޅިއަށް އެއްވެސް ބަޔަކު އެއްވެސް ބޭނުމެއްގައި، ޚާއްސަކޮށް މޫދަށް އެރި އުޅުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން."
އެ ސަރަހައްދަށް ވަރަށް ބޮޑަށް ކްލޮރިންގެ އަސަރުކޮށްފައިވާކަން ފާހަގަކުރައްވައި ނިޒާރު އެދިވަޑައިގަތީ، ސިއްހީ އިދާރާއަކުން ވަކި ގޮތެއް އަންގަން އެ ސަރަހައްދަށް މޫދަށް ނޭރުމަށެވެ.
އައްޑޫ ނޭޗާ ޕާކުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވެސް ވަނީ އެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޕޯސްޓުގައި ވަނީ ނޭޗާ ޕާކުގެ މުވައްޒަފުންނަށް ކިނބިވައު ސަރަހައްދު މޫދުން، މުއްދަތު ހަމަވެފައިވާ ކްލޮރިން ހުރި 15 ބާލިދީ ފެނިފައިވާ ކަމަށް ބުނެފައެވެ. އެ ބާލިދީތައް އަތިރިމައްޗަށް ގެންގޮސް، އެ ސަރަހައްދު ބަލައިފައިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.
އައްޑޫ ނޭޗާ ޕާކުން ވަނީ ކްލޮރިންއަކީ މަސްމަހާމެއްސާއި ފަރުތަކާއި ގަސްގަހާގެއްސަށް ގެއްލުންދޭ އެއްޗެއްކަން ފާހަގަކޮށް، އެ ސަރަހައްދަށް މަރުވެގެން ލައްގާފައިވާ ދިރުންތަކުގެ ތެރޭގައި ކަކުންޏާއި ޑިނގާ އަދި ވެމާއި ބޯވަ ވެސް ހިމެނޭ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ކްލޮރިން މޫދަށް އެޅުމުން ނުރައްކާތެރި މާއްދާތައް އުފެދޭތީ، އެ ސަރަޙައްދަށް ދާއިރު ރައްކާތެރިވުމުގެ ގޮތުން މާސްކެއް އެޅުމަށް އެ ޕާކުގެ މުވައްޒަފުން ވަނީ އެދިފައެވެ.