ސްޓެލްކޯއިން ފަސް ލައްކަ ގަސް އިންދުމުގެ މަޝްރޫއެއް ފަށައިފި

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ސްޓެލްކޯއިން ކ.ތުލުސްދޫގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމެގެ ތެރެއިން -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ސްޓެލްކޯއިން ފަސް އަހަރު ތެރޭ ފަސް ލައްކަ ގަސް އިންދުމުގެ މަޝްރޫއެއް އިއްޔެ ފަށައިފިއެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުނިން ޚިދުމަތްދޭ 33 ރަށުގައި ގަސް އިންދުމުގެ މަސައްކަތް އިއްޔެ ފަށައިފައެވެ.

މިމަޝްރޫއު ފެށުމަށް ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މި ޕްރޮގްރާމަކީ ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކުރެއްވި ފަސް މިލިއަން ގަސް ޕްރޮގްރާމަގައި ބައިވެރިވެ އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުގައެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމް ފެށުމުގެ ގޮތުން ތުލުސްދޫގައި އިއްޔެ 5000 ގަހާއި 1000 ރުއް އިންދުމުގެ މަސައްކަތް ކުރި ކަމަށެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދޭ ޚިދުމަތަކީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅިފައިވާ ޚިދުމަތެއް ކަމަށާއި އެ ޚިދުމަތާ ގުޅިގެން ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ލިބެން ބޭނުން ނުވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަސް އަހަރުގެ ދައުރުގައި ފަސް މިލިއަން ގަސް އިންދުމަކީ ރިޔާސީ ވައުދުފުޅެކެވެ.

https://sun.mv/192854

އެ މަޝްރޫއު އިއްޔެ ރައީސް ފައްޓަވައިދެއްވީ ލޮނުޒިޔާރަތް ޕާކުގައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ.

comment ކޮމެންޓް