ޓެލްއަވީވު (2 އޮކްޓޯބަރު 2024): ރޭ އީރާނުން އިސްރާއީލަށް ވައިގެ މަގުން ހަމަލާތައް ދިން ވަގުތު ފަލަސްތީނުގެ މުޖާހިދަކު އިސްރާއީލުގައި ހިންގި ޖިހާދީ ހަރަކާތެއްގައި މަރުވި އިސްރާއީލު މީހުންގެ އަދަދު 8އަށް އަރައިފިއެވެ.
އިސްރާއީލުގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ޗެނެލް-13 ޓީވީ ނެޓްވާކް ބުނާގޮތުން އިސްރާއީލުގެ ސިޓީއެއްކަމަށްވާ "ޔާފާ" ގައި ފަލަސްތީނުގެ ޒުވާނަކު ބަޑިން ދިން ހަމަލާތަކެއްގައި ފުރަތަމަ މަރުވީ ހަ މީހުންނެވެ. ޒަޚަމްވީ 17 މީހުންނެވެ. ނަމަވެސް ޒަޚަމްވީ މީހުންގެ ތެރެއިން ދެ މީހަކު މަރުވުމުން އެހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 8 އަށް އަރާފައެވެ.
ޒަޚަމްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލަތު އަދިވެސް ވަރަށް ސީރިއަސްއެވެ. އެތިން މީހުންގެ ޒަޚަމްތައްވަނީ ފުރާނައަށް ނުރައްކާވާ ހާލަތުގައެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.
އިސްރާއީލުގެ ނޫހެއްކަމަށްވާ "ޔިސްރައެލް ޓުޑޭ" އާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން ބަޑިން ހަމަލާތައްދީ އިސްރާއީލުގެ އަށް މީހުން މަރާލައި 15 މީހުން ޒަޚަމްކޮށްލީ ހުޅަނގު އައްސޭރީގެ ޚަލީލް ސަހަރުން އިސްރާއީލުގެ އެތެރެއަށް ވަދެގަތް ފަލަސްތީގެ ޒުވާނެކެވެ.
އެޒުވާނާ އިސްރާއީލުގެ އެތެރެއަށް ވަނުމަށްފަހު އިސްރާއީލު ސިފައިންގެ މީހެއްގެ ގައިގައި ތަޅައިގަނެ އޭނާ ވައްޓާލައި ބަލިކޮށްލުމަށްފަހު އޭނާގެ އަތުގައިއޮތް އޮޓަމެޓިކް ހަތިޔާރު އަތުލައިގަތީއެވެ. އެއަށްފަހު ސިފައިންގެ މީހާގެ ބޮލަށް ބަޑިޖަހައި މަރާލުމަށްފަހު ބަޑިހިފައިގެން ދިޔައީ މެޓްރޯ ސްޓޭޝަނަކަށެވެ. އެތަނަށްގޮސް އިސްރާއީލު މީހުން އެއްވެފައިވާ ތަނަކަށް ބަޑިން ހަމަލާދީ އަށް މީހުން މަރާލައި 15 މީހުން ޒަޚަމްކޮށްލީއެވެ.
އިސްރާއީލުގެ ޗެނެލް-13 ޓީވީ ބުނާގޮތުން މި ހަމަލާތައްދިން މީހާ ވަނީ ފިލާފައެވެ. މިއީ ހަމާސް ޖަމާއަތަށް ނިސްބަތްވާ މީހެއްކަމަށް އިސްރާއީލުގެ މީޑިއާ ބުނެއެވެ. ނަމަވެސް އިސްރާއީލުގެ ފުލުހުން މިމީހާގެ އައިޑެންޓިޓީ ކަށަވަރުކޮށްދީފައެއް ނުވެއެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުންވަނީ އިސްރާއީލުގައި ހިންގި މިއަމަލަށް މަރުހަބާ ކިޔައި މިއީ ފަލަސްތީނު ހިފައިގެން އިސްރާއީލަށް އަމާންކަން ނުލިބޭނެ ކަމުގެ ހެއްކެއްކަމަަށް ބުނެފައެވެ.