ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއިން ފަސޭހަކަމާ އެކު ސްވިސް ސުޕާ ލީގުގެ ޔަންގް ބޯއިސް ބަލިކޮށްފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 5-0 އިންނެވެ.
މެޗު ބާސާއިން ފަށާފައިވަނީ ވެސް ވަރަށް ފޯރީގައެވެ. އަށްވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ބާސާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ.
މެޗުގައި ބާސާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ޖަހައިދިނީ ރަފީނިއާއެވެ. އަދި، މި ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ބާސާގެ އިނީގޯ މާޓިނޭޒްވަނީ އެ ޓީމަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ.
ދެވަނަ ހާފުގައި ވެސް ފެނިގެން ދިޔައީ ދާދި އެއްގޮތް ކުޅުމެކެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި ބާސާއިން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ލެވަންޑޯސްކީއެވެ. ބާސާއިން މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ 81 ވަނަ މިނެޓުގައި ޔަންގް ބޯއިސްގެ މުހަންމަދު އަލީ ކަމާރާ އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ.
މެޗުގައި ޔަންގް ބޯއިސްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ޖޮއެލް މޮންޓޭރޯ ފޮނުވާލި ހަމަލާ އަމާޒުވީ ބާސާ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި ކާމިޔާބީއާ އެކު ބާސާ އޮތީ ތިން ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ. ޔަންގް ބޯއިސް އޮތީ 36 ޓީމު ހިމެނޭ މި ލީގުގެ އެންމެ ފުލުގައެވެ.
މުބާރާތުގައި ޖަރުމަނު ބުންޑެސްލީގާގެ ސުޓުޓްގާޓާއި ޗެކް ފަސްޓް ލީގުގެ ސްޓާޕާ ޕްރާހާ ބައްދަލުކުރި މެޗު 1-1 އިން ދެ ޓީމު ވީ އެއްވަރެވެ. މެޗުގައި ސްޓުޓްގާޓްގެ އެންޒޯ މިލޮޓް ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ލީޑު ނެގި ނަމަވެސް ސްޕާޓާއިން ވަނީ މެޗުގެ 32 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.