ސިޓީއަށް ފަސޭހަ މޮޅެއް؛ އުނދަގޫ ރިކޯޑެއް މުގުރާލުމާ ގާތަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިނގިރޭސި ޕްރިމިއާ ލިގުގެ މެންޗެސްޓާ ސިޓީން ފަސޭހަކަމާ އެކު، ސްލޮވާން ސުޕާ ލީގާގެ ސްލޮވަން ބްރަޓިސްލާވާ ބަލިކޮށްފިއެވެ.

ބްރަޓިސްލާވާގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 4-0 އިންނެވެ.

ސިޓީން މެޗުގައި އުފެއްދި 28 ހަމަލާގެ ތެރެއިން 14 ހަމަލާއެއް ގޯލަށް އަމާޒުވެފައިވާއިރު ބްރަޓިސްލާވާއިން މެޗުގައި އުފެއްދި ތިން ހަމަލާގެ ތެރެއިން އެއްވެސް ހަމަލާއެއް ގޯލަށް އަމާޒުވާގޮތެއް ނުވިއެވެ.

މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ އިލްކާއި ގުންޑޮގާންއެވެ. މިއީ މި ފަހަރު އެނބުރި ސިޓީއަށް އައި ފަހުން ގުންޑޮގާން ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. މިއީ ފޯޑެން ވެސް މި ސީޒަންގައި ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ސިޓީގެ ތިންވަނަ ލަނޑު ޖަހައިދިނީ ހުނަރުވެރި ފޯވަޑް އާލިން ހާލަންޑެވެ. މިއީ އޭނާ މި ސީޒަންގައި ސިޓީއަށް ކާމިޔާބުކޮށްދިން 11 ވަނަ ލަނޑެވެ. ސިޓީގެ ފަހު ލަނޑު މެޗުގެ 74 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ނުކުތް ޖޭމްސް އެކަޓީއެވެ. މިއީ އުމުރުން 21 އަހަރުގެ އޭނާ ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ޗެމްޕިއަންސް ލިގުގައި ފުރަތަމަ ފަހަރަށް ވާދަކުރަމުންދިޔަ ބްރަޓިސްލާވާއިން ލީގު ފޭސްއާ ހަމައަށް އައުމަށް ކޮލިފައިން އަށް މެޗު ކުޅެފައިވެއެވެ. އެހެންކަމުން މި ނަތީޖާއިން ބަލިވި ނަމަވެސް މި ފެންވަރުގެ ވާދަވެރި މެޗެއް ކުޅެލަން ލިބުން ވެސް އެއީ އެ ޓީމަށް ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެއެވެ.

މި ކާމިޔާބީއާ އެކު ސިޓީންވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ދުވަހު ބަލިނުވެ، އޮތުމުގެ ރިކޯޑާ އަރާ ހަމަކޮށްފައެވެ. ސިޓީން މިހާރު ވަނީ ބަލިނުވެ، 25 މެޗު ހަމަކޮށްފައެވެ. މި ރިކޯޑް މިހާތަނަށް އޮތީ 2007 އިން 2009 ވަނަ އަހަރާ ދެމެދު ބަލިނުވެ، 25 މެޗު ހަމަކުރި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުގައެވެ. އެހެންކަމުން ބްރަޓިސްލާވާގެ މައްޗަށް ހޯދި ކާމިޔާބީއާ އެކު ސިޓީންވަނީ އެ ރިކޯޑާ އަރާ ހަމަކޮށްފައެވެ.

މުބާރާތުގައި ދެން ކުޅޭ މެޗުގައި ސްޕާޓާ ޕްރާހާ އަތުން ބަލިނުވެ، ފަރުޖެއްސިއްޖެ ނަމަ ބަލިނުވެ، އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑު ސިޓީއަށް ލިބޭނެއެވެ.

މި ކާމިޔާބީއާ އެކު ސިޓީ މި ވަގުތު އުޅެނީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ހަތަރުވަނައިގައެވެ. ބްރަޓިސްލާވާ އުޅެނީ ޕޮއިންޓެއް ނުލިބި 35 ވަނައިގައެވެ.

comment ކޮމެންޓް