ޗައިނާއިން ދިވެހިރާއްޖެއަށް ދީފައިވާ އެހީއާ އެކު ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެފައިވާ ކަމަށް ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން މިއަދު ބުނެފިއެވެ.
އެ ޕާޓީން އެހެން ބުނީ، ޗައިނާގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ޕީއެންސީން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ސީޕީސީއާއި ޗައިނާގެ ރައްޔިތުންނަށް އެ ގައުމުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވާފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކޮންގްރެސް ޕާޓީއާއި ސީޕީސީއާ އެކު އޮތް ދެމެހެއްޓެނިވި ގުޅުމާ މެދު ފަހުރުވެރިވާ ކަމަށެވެ. އެ ގުޅުން ބިނާވެފައިވަނީ އެކަކު އަނެކަކަށް އިޙުތިރާމުކުރުމާއި، އެއްބާރުލުން ދިނުމާއި، ރާއްޖޭގެ ރައްޔިތުންގެ ފާގަތިކަމަށްޓަކައި ހިއްސާކުރެވޭ ތަސައްވުރުގެ މައްޗަށް ކަަމަށް ވެސް ބަޔާނުގައިވެއެވެ.
އެއީ، އިތުބާރާއި އެއްބާރުލުމުގެ ނަމޫނާއަކަށްވެ، އެ ގުޅުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވެސް ބަޔާނުގައި ޕީއެންސީން ބުންޏެވެ.
އެ ޕާޓީން ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އިހުލާސްތެރި ޝުކުރެއް އަދާކޮށްފައެވެ. އަދި، ރައީސް ޝީ ޖިންޕިންގެ ލީޑާޝިޕުގެ ދަށުން ޗައިނާއިން ރާއްޖޭގެ އުމްރާނީ ތަރައްގީއާއި ސިއްހީ ދާއިރާއާއި ތަޢުލީމީ ދާއިރާ އަދި އޭގެ އިތުރުން ވެސް ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ކަންކަން ކަމަށް ޕީއެންސީން ބުންޏެވެ.
ޗައިނާގެ އަހަރީ ދުވަހު ކޮންގްރެސް ޕާޓީން ޗައިނާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހައާއި ފާގަތިކަމާއި ކާމިޔާބީއަށް އެދި ހިތުގެ އަޑިން ދުއާކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކޮންގްރެސް ޕާޓީން ރާއްޖެއިން ޤައުމުތަކުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށާއި ތަރައްގީއާއި ހަމަޖެހުމުގެ އިތުރުން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އޮތް އަޒުމު ދަމަހައްޓާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.