ރާއްޖޭގެ އިގްތިސާދު ދަށްވަމުން ދަނީ މި ސަރުކާރަށް ގައުމުތަކުން ފައިސާ ހޯދަން ނޭނގި މެނޭޖު ކުރަން ވެސް ނޭނގުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ދީދީ ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ ދުރުރާސްތާ ޕްލޭނަކާ އެއްކޮށް ކަމަށާއި ކެމްޕެއިން ތެރޭގައި ވެސް ކިޔައިދެމުން އައީ އެ ޕްލޭންގެ ވާހަކަ ކަމަށެވެ.
ނަމަވެސް، ޕީއެންސީން ބުނަމުން އައީ އެމްޑީޕީއަށް ވުރެ ރަނގަޅަށް އިގުތިސާދު މެނޭޖު ކުރެވޭނެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕާޓީއަށް އިގުތިސާދީ ކާރިސާއެއް އޮތް ތަން ފެނުނީ މަޖިލިސް އިންތިޚާބަށް ފަހު ކަމަށާއި އެ އިންތިޚާބު ތެރޭގައި ޚަރަދުތައް އިތުރުވާނެ އެތައް ގޮތްތަކަކަށް ޕީއެންސީން އަމަލުކުރަމުން ދިޔަ ކަމަށް ދީދީ ތުހުމަތު ކުރެއްވިއެވެ.
"އެބޭފުޅުންނަށް މިސްމެނޭޖުވެގެން ދައްކަން ހުރި ދަރަނިތައް ނުދެއްކޭނެ ކަމުގެ ބިރު ހީވާން ފެށި ހިސާބުން މި ބޭފުޅުންނަށް އިގްތިސާދަކީ މިހެން އަދި ދައްކާ ވާހަކައަކުން ކުރެވޭނެ ކަމެއް ނޫންކަން އިހުސާސްވީ. އިހުސާސް ވެގެން އެމްޑީޕީ ބޮލަށް އެކަން ކަނޑާލަން އެ މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ، ކޮވިޑަށް ފަހު އެމްޑީޕީން ވަރަށް ރަނގަޅަށް ސަރުކާރު ހިންގަމުން ދިޔަ ކަމަށާއި އިގުތިސާދު ދަށްވާން ފެށީ މި ސަރުކާރު ހަވާލުވި ފަހުން ކަމަށެވެ.
މިދިޔަ ސަރުކާރުގައި އެމްޑީޕީން ފައިސާ ޗާޕު ކުރީ އެކަން ނުކޮށް، އިގްތިސާދު ނުހިފެއްޓޭނެތީ ކަމަށާއި އޭރު އެއްވެސް ވަރަކަށް ފައިސާ ގައުމަށް ނުވަންނަކަން ދީދީ ފާހަގަކުރެއްވިއެވެ. އަދި، އެ މަސައްކަތަކީ ދިވެހި ރައްޔިތުން ބަނޑަށް ޖެހުނަ ނުދިނުމަށް ކުރި މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ފައިސާ ޗާޕު ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެ ރަނގަޅު އިގްތިސާދެއްގެ ގޮތުގައި ކުރިއަރަމުން އައި ކަމަށް ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތަށް އަލިއަޅުވާލައްވައި އޭނާ ވިދާޅުވީ، އިގުތިސާދަށް ވަންނަ ފައިސާގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.
"މި ބޭފުޅުންނަށް ހަމަ މެނޭޖުކުރަން ނޭނގި، ފައިސާ ހޯދާނެ ގޮތެއް ނޭނގި ހައްތަހާވެސް ކުރީ ސަރުކާރު، ކުރީ ސަރުކާރު މިކިޔަނީ. މި ބޭފުޅުންނަށް އެއްވެސް މަޖުބޫރީ ހާލަތެއްގައި ހަވާލުވި ކަމެއް ނޫން. މި ބޭފުޅުންނަށް އެނގޭ މި ހަލާތުގައިކަން މިއޮތީ،" ދީދީ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި, ރާއްޖޭގެ ދަރަނި ބޮޑުވެ ދަރަނި ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ ބައެއް އިދާރާތަކުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ދަރަނި ދެއްކުމުގައި ހުރި ދަތިތައް ފާހަގަކޮށް މި މަހުގެ 11 ގައި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ މަހު 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
ރޭޓިންއަށް ބަދަލު ގެނައި ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދީފައެވެ. ރިޒާވްގެ ހާލަތު ވެސް ރަނގަޅުވަމުން އަންނަ ކަމަށް އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.