މާފަންނު ސަހަރާ ހުސްކޮށްގެން އެތަނުގެ ބޮޑު ބައެއް ފެހިކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވެއްޖެއެވެ.
އެ ސަހަރާ ހުސްކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށްވާއިރު، އެތަން ހުސްކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކުރީ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހުއެވެ.
ސަހަރާއާ ގުޅުވައި މޭޔަރު އާޒިމް 'ސަން' އަށް ވިދާޅުވީ، މާފަންނު ސަހަރާ ހުސްކޮށް، އެތަނުގެ ބޮޑު ބައެއްގައި ގާއިމު ކުރާނީ ހިތްފަސޭހަކޮށްލެވޭ ގްރީން އޭރިއާއެއް ކަމަށެވެ.
60-70 ޕަސެންޓު ހަމަ ގްރީން އޭރިއާއެއް އޮންނާނީ. ދެން ކޮންމެސް ވަރެއްގެ ޕާކިން އަކާއި ކިއޮސްކް ކަހަލަ ގޮތަށް ހެދިފައި ހުންނަ ތަންތަން ހުންނާނީމާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
އެތަނުގައި 20 ނުވަތަ 30 ޕަސެންޓު ބިމުގައި އާމްދަނީ ލިބޭ ގޮތަށް ކިއޮސްކްތަކެއް ގާއިމު ކުރުމަށް ވިސްނާފައިވާ ކަމަށާއި ބާކީ އޮތް ބިން ޚާއްސަ ކުރާނީ ޕާކިން އަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، އެތަނުގައި ހުރި ކަށިތައް ނަގައިގެން އެއްކޮށް، ސާފުކޮށް ނިމެން ދެ މަހާއި 15 ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަޅުގަނޑުމެން ފުރާނައިގެން ރީއްޗަށް [ކަށިތައް] ނަގަން ޖެހޭ. ގާނޫނީ އުސޫލުގައި އޮންނަ ގޮތުން ފުރާނައިގެން ނަގައިގެން މި ކުރެވެނީ. ވަރަށް ބޮޑަށް ބަލައިގެން ކުރަން ޖެހޭ ކަމެއް މިކަމަކީ. ވަރަށް ބޮޑު އިހުތިރާމެއް ވެސް ދޭން ޖެހޭ އަޅުގަނޑުމެން. އެހެންވީމަ [ސަހަރާ ހުސްކުރަން] ވަގުތު އެބަ ނަގާ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ފާހަގަކޮށްލެވޭ ގޮތުގައި، އެ ސަހަރާއިން ހުސްކުރަނީ 36،153 އަކަފޫޓުގެ ސަރަހައްދެއް ކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.
އެތަނުން ނަގާ ގަބުރުތަކުގެ ކަށިތައް ނައްތާލުމުގެ މަސައްކަތް ކުރާނީ އިސްލާމިކް މިނިސްޓްރީންނެވެ. ނަމަވެސް، މިހާތަނަށް އެ މިނިސްޓްރީގެ ބަހެއް ލިބިފައިނުވާތީ އެކަން ކުރަނީ ކޮން ގޮތަކަށް ކަމެއް ސާފުވެފައެއް ނުވެއެވެ.
ސަހަރާ ހުސްކުރުމަށް މިހާރު އެތަނުގެ އެއްބައި ހުރީ ޓިނާއި ދާ ޖަހައިގެން ބަންދުކޮށްފައެވެ.
ސަހަރާގައި ހުރި ގަބުރުތައް ނަގައިގެން އެތަން ހުސްކުރާތީ، ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
އެ ސަހަރާގެ ހުޅަނގު ފަރާތުގައި މިހާރުވެސް ޕާކިން އޭރިއާއެއް ހަދާފައި އޮވެއެވެ.