ރާއްޖެއިން އިގުތިސާދު ސިންދަފާތު ކުރުމަށާއި އިސްލާހުތައް ގެނައުމަށް މަސައްކަތްކުރާތީ އުފާވާ ކަމަށާއި އެ މަސައްކަތްތަކަށް ޗައިނާއިން އެހީވަމުންދާނެ ކަމަށް އެގައުމުގެ ސަފީރު ވަންގް ލިޝިން މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސަފީރު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ވާހަކައަށް އަލިއަޅުވާލައްވައި ވާހަކަދައްކަވައިފައެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން އިގުތިސާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގޮސް، އިގުތިސާދީ އިސްލާހުތައް ގެނެސް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ދުނިޔޭގެ ފެންވަރުގައި ކުރާ މަަސައްކަތްތައް އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ. އެއީ ޗައިނާއިން ބަލައިގަންނަ މަސައްކަތްތަކެއް ކަމަށާއި ރާއްޖެއިން ގައުމަށް އެންމެ އެކަށީގެންވާ ގޮތުގައި ތަރައްގީ ގެނައުމަށް ކުރާ މަސައްކަތްތަކާއި ބައިނަލްއަގުވާމީ މައްސަލަތަކުގައި ހަރަކާތްތެރިވުން އިތުރު ކުރުމަށް ކުރާ މަސައްކަތްތަކަށް އެ ގައުމުން އެއްބާރުލުން ދެމުންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އަބަދުވެސް ރަހުމަތްތެރިކަމާއި އިތުބާރު އޮންނަ ކަމަށެވެ. އެގޮތުން ޗައިނާގެ އެހީގައި އަޅައިފައިވާ ސިނަމާލެ ބްރިޖާއި، ސޯޝަލް ހައުސިން ސްކީމްތަކާއި އެ ނޫންވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކީ ރާއްޖެއަށް ގިނަ ފައިދާތަކެއް ގެނުވި މަޝްރޫއުތައްކަން ސަފީރު ފާހަގަކުރެއްވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތުފުޅަކަށް މިއަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެގައުމަށް ވަޑައިގަތް ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، އެ ދަތުރުފުޅާއެކު ޗައިނާއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ ދުވެލި އަވަސްކުރަން ފަށައިފައިވާ ކަމަށެވެ. އެގޮތުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތްތަކާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއަށް ތަރައްގީ ގެންނާނެ ދާއިރާތައް ފާހަގަކުރެއްވިއެވެ.
ވަންގް ލިޝިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޗައިނާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ދެލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް އައިކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރާކަން ފާހަގަކުރައްވާ ވަންގް ލިޒިން ވިދާޅުވީ އެކަމުގައި އެހީތެރިވުމަށް ވެސް ޗައިނާއިން ކުރިއަށް އޮތް ތަނުގައި އިސް ދައުރެއް އަދާކުރާނެ ކަމަށެވެ.
ރާއްޖެ ކުޑަ ނަމަވެސް ބޮޑު ތަސައްވުރެއް އެބައޮތް. ވަސީލަތްތައް މަދު ނަމަވެސް ގާބިލުކަން އެބަހުރި. ގުދުރަތީ ގޮތުން ގޮންޖެހުންތައް ހުރި ނަމަވެސް ދިވެހީންނަކީ ވިލުންތެރި ބަޔެއް. އަޅުގަނޑަށް ގަބޫލުކުރެވެނީ އެހެންވެހެން ރާއްޖެއަށް މިފަދަ ބޮޑު ކާމިޔާބީތައް ލިބި، ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަށް ވަނީޗައިނާ ސަފީރު ވަންގް ލިޝިން
އޭނާ ވިދާޅުވީ ރާއްޖެއާއި ޗައިނާ ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމެއްގެ ދެމެދު ގާއިމުވެފައި އޮތް ރަނގަޅު ގުޅުމެއްގެ މިސާލު ކަމަށެވެ.
އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވިސްނުންފުޅަކީ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށާއި ވިސްނުންފުޅު ގެންގުޅުއްވަނީ ގައުމުތަކާއެކު ގުޅިގެން މަސައްކަތްކުރަން ކަމަށް ވިދާޅުވިއެވެ.