އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން، ސަޕޯޓަރުންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ސްޕާސްއިން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެެވެ.
މެޗު ސްޕާސްއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މި ގޮތުން، މެޗުގެ ތިންވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ސްޕާސްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެނަން ޖޯންސަންއެވެ. މި ހާފުގައި ސްޕާސްއިން ދެއްކި މޮޅު ކުޅުމާ އެކު އިތުރު ލަނޑެއް ފެނިގެން ނުދިއުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ކަމަކަށެވެ.
މެޗުގައި ޔުނައިޓެޑަށް ރަނގަޅަށް ނުކުޅެވިގެން އުޅެނިކޮށް އެ ޓީމަށް އިތުރު މައްސަލަތަކާ ކުރިމަތިވެގެންދިޔައީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއަށް ރަތް ކާޑު ދެއްކުމާ އެކު މެޗުގެ ބާކީ ބައި އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެން ޖެހުމުންނެވެ. ފެނާންޑޭޒްއަށް ރަތް ކާޑު ދައްކާފައިވަނީ ޖޭމްސް މެޑިސަންއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޑެޔާން ކުލޫސޭވްސްކީ ވަނީ ސްޕާސްއަށް އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ. ފަހު ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮލާންކީއެވެ. މި މެޗު ސްޕާސްއިން ކުޅެފައިވަނީ އަނިޔާވެފައިވާ ކެޕްޓަން ސޮން ހެއުން މިން ވެސް ނުލައެވެ.
މި ކާމިޔާބީއާ އެކު ސްޕާސް މިހާރު އޮތީ ހަ މެޗުން ލިބިފައިވާ 10 ޕޮއިންޓާ އެކު ތާވަލްގެ އަށްވަނައިގައެވެ. އަދި، މެޗުން ބަލިވުމުން ޔުނައިޓެޑް އޮތީ ހަތް ޕޮއިންޓާ އެކު ތާވަލްގެ 12 ވަނައިގައެވެ.
މެޗުން ހިތި ގޮތަކަށް ޔުނައިޓެޑް ބަލިވުމާ އެކު ގިނަ ބަޔަކު އަންނަނީ އެ ޓީމުގެ ކޯޗު އެރިކް ޓޭން ހަގަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ޓީމުގެ ސަޕޯޓަރުން އަންނަނީ މެޗުގައި ފެނުނު ދަށް ކުޅުމުގެ ސަބަބުން ނުރުހުން ފާޅުކުރަމުންނެވެ.
މި މުބާރާތުގައި އެސްޓަން ވިލާއާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު 2-2 އިންވީ އެއްވަރެވެ.
މެޗުގެ ފުރަތަމަ ލަނޑު އަށްވަނަ މިނެޓުގައި ލިއާމް ޑެލެޕް ޖަހާ އިޕްސްވިޗްއަށް ލީޑު ނަގައިދިން ނަމަވެސް ވިލާއިން ވަނީ ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށް، މެޗުގެ ލީޑު ނަގައިފައެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޯގަން ރޮޖާސްއާއި އޮލި ވޮޓްކިންސްއެވެ. މެޗުގެ ނަތީޖާ އިޕްސްވިޗަށް އެއްވަރުކޮށްދީފައިވަނީ ވެސް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޑެލެޕެވެ.
މި ނަތީޖާއާ އެކު ވިލާއަށް ވަނީ ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށް ތާވަލުގެ ދެވަނައަށް އެރުމަށް ލިބިގެންދިޔަ ފުރުސަތު ގެއްލިފައެވެ. ވިލާ މި ވަގުތު އޮތީ 13 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައިގައެވެ. އަދި، އިޕްސްވިޗް އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ 15 ވަނައިގައެވެ.