މާލޭގެ އާ ސަހަރާ މިސްކިތުގެ މަސައްކަތް ނިންމައި، އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގެ އާސަހަރާ އިތުރަށް ތަރައްގީ ކުރުމަށް ބަންދުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެހެންވެ، މާލެ ސަރަހައްދުގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލެ ސަހަރާގައެވެ. އެ މިސްކިތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ނިންމައި، މި މަހުގެ ހައެއްގައި ވަނީ ހުޅުވާފާއެވެ.
އެކަމާ ގުޅުވައި މޭޔަރު މިއަދު 'ސަން'އަށް ވިދާޅުވީ، މިހާރު މިސްކިތުގެ ފިނިޝިން މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި އަންނަ ހުކުރު ދުވަހު އެތަން ހުޅުވޭނެ ކަމަށެވެ.
މިހާރު ދެން ހަމަ ފިނިޝިންގެ ޓަޗްއަޕް މަސައްކަތްތައް. އަނެއްހެން ދެން ގާތްގަނޑަކަށް ޖުމްލަކޮށް ނިމިފަ އެހެރީ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ފުރަތަމަ ފަންގިފިލާ ހުޅުވާފައި ހުރި ނަމަވެސް، ސަހަރާ އެއްކޮށް ނުނިމޭތީ، އެތަނުގައި އަދި ކަށުނަމާދު ކުރާ ކަށް ނުފަށައެވެ. އެކަމަކު، ހުކުރުގައި ސަހަރާ އެއްކޮށް ހުޅުވާލުމުން މާލޭގައި މަރުވާ މީހުންގެ ޖަނާޒާތައް އާ ސަހަރާއަށް ބަދަލު ކުރާނެއެވެ.
މާލެ ސިޓީ ކައުންސިލުން މީގެކުރިން ބުނެފައިވާ ގޮތުން، މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން އާސަހަރާ 3200 އަކަފޫޓަށް ބޮޑުކުރެވޭއިރު، މި މަޝްރޫއަށް 11.6 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.
އެ ސަހަރާއަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ކަން ފާހަގަކުރައްވައި، މޭޔަރު ކުރިން ވިދާޅުވީ، އާސަހަރާގެ މަސައްކަތްކުރަން ފުރަތަމަ ހަވާލުކުރި ކުންފުންޏަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ. ދެވަނައަށް ހަވާލުކުރި ކުންފުންޏަށް ވެސް ހަމަ އެ މަސައްކަތްކުރަން ފަސް މިލިއަން ރުފިޔާ ހޭދަވި ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި، ފިނިޝިން މަސައްކަތްކުރަން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.
އާ ސަހަރާ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު، ފުރަތަމަ ފްލޯގައި އަންހެނުންނަށް ޚާއްސަ ނަމާދުކުރާ ޖާގައެއް ހުންނައިރު، ސަހަރާއަށް އެމްބިއުލާންސް ވަނުން ސަހަރާގެ ފަހަތު ގޭޓަށް ބަދަލުކުރާނެއެވެ. އޭގެއިތުރުން ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖެއް ތަރައްގީކުރާއިރު، ކޮންމެ ލައުންޖެއްގައި ދެ ފާޚާނާއާއި ގާތުންދޭ މައިންނަށް ޚާއްސަ ޖާގަ ހުރުމުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭފަދަ ފާޚާނާއެއް ހުރުން ހިމެނެއެވެ.