އާސަހަރާ މިސްކިތުގެ ފުރަތަމަ ފަންގިފިލާ ބޭނުންނުރަން ފަށައިފި

މާލޭގެ އާސަހަރާ މިސްކިތުގެ މަސައްކަތް ނިމިފައި--- ފޮޓޯ/ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މާލޭގެ އާސަހަރާ މިސްކިތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ނިންމައި މިއަދު އެ މިސްކިތް ބޭނުންކުރަން ފަށައިފިއެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވަރަށް ބޮޑު މަރާމާތަކަށް ފަހު، މާލޭގައި ހުންނަ އާސަހަރާ މިސްކިތުގެ ތިރީބައި، އަލުން ހުޅުވޭނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މި މަސް ނިމުމުގެ ކުރިން އާސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، ކުރިޔެކޭ ވެސް އެއް ފަދައިން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައް އާ ސަހަރާގައި ބޭއްވުމުގެ ކަންތައްތައް ހަމަޖެހޭނެ ކަމަށެވެ.

މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާތައް ބޭއްވުމަށް ހުޅުމާލެއަށް މިހާރު ދާން ޖެހުމުގެ ސަބަބުން، ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކަށް މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ އާސަހަރާ އިތުރަށް ތަރައްގީ ކުރުމަށް ބަންދުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއަށްފަހު މަރުވާ މީހުންގެ ކަންކަން ކުރިއަށްގެންދަނީ ހުޅުމާލޭ އާސަހަރާގައެވެ.

މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އާސަހަރާ 3200 އަކަފޫޓަށް ބޮޑުކުރެވޭއިރު މި މަޝްރޫއަށް 11.6 މިލިއަން ރުފިޔާ ހޭދަވެފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް