ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުން: ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށް ފަހު މިއަދު ވަނީ ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކޮށްފި--- ސަން ފޮޓޯ/ މޫސާ ނަދީމް

ދިރާސީ އަހަރު ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށް ފަހު ދަރިވަރުންނަށް މިއަދު ރިޕޯޓް ފޯމް ހަވާލުކޮށްފިއެވެ.

ބޮޑު ޗުއްޓީއަށްފަހު މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ފަށާފައިވަނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހުގައެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން މިއަދު ޗުއްޓީއަށް ދާއިރު ދެން ސްކޫލު ހުޅުވޭނީ އަންނަ މަހުގެ ފަހެއްވާ އާދިއްތަ ދުވަހުގައެވެ.

މިއަދު މި ނިމުނު ފުރަތަމަ ޓާމުގެ ކިޔެވުން ފަށާފައި ވަނީ 96،000 ދަރިވަރުންނާ އެކުގައެވެ. އޭގެތެރޭގައި ހިމެނެނީ:

* އަންހެން - 40،300 ދަރިވަރުން
* ފިރިހެން - 42،700 ދަރިވަރުން

ފުރަތަމަ ޓާމުގައި ތައުލީމު ހާސިލްކުރި 96،000 ދަރިވަރުންގެ ތެރެއިން 17،000 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުން ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އަމިއްލަ މަދަރުސާތަކުގައި 13،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރިއިރު އޭގެ ތެރެއިން ވެސް، 9،000 އެއްހައި ދަރިވަރުން ތައުލީމު ހާސިލުކޮށްފައި ވަނީ މާލެ ސަރަހައްދުގައެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުން: ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށް ފަހު މިއަދު ވަނީ ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކޮށްފި--- ސަން ފޮޓޯ/ މޫސާ ނަދީމް

އަދި މިއަހަރުގެ ފުރަތަމަ ޓާމަށް މާލެ ސަރަހައްދަށް އެކަނިވެސް ގްރޭޑް އެކަކަށް 2،250 ދަރިވަރުން އެންރޯލް ކޮށްފައި ވާކަމަށާއި އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސަރަހައްދަށް 1،126 ދަރިވަރުން ބަދަލުވެފައި ވާކަމަށް މީގެކުރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން މީގެ ކުރިން ވަނީ ފުރަތަމަ ޓާމުގެ ކިޔެވުން ފެށުނުއިރު ރާއްޖޭގެ ސްކޫލުތަކުގައި ޖުމަލް 12،662 މުދައްރިސުން ކިޔަވައިދޭނެ ކަމަށާއި އޭގެތެރެއިންވެސް ގިނައީ ދިވެހި މުދައްރިސުން ކަމަށް ބުނެފައެވެ. އެގޮތުން:

* ދިވެހި މުދައްރިސުން - 10،729
* ބިދޭސީ މުދައްރިސުން - 1،933

ސަރުކާރުގެ ގިނަ ސްކޫލުތަކުގައި ފުރަތަމަ ޓާމު ކިޔަވައިދީފައި ވަނީ އެއްދަންފަޅިއަށެވެ. އެގޮތުން، ސަރުކާރުގެ 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދީފައި ވާއިރު ދެ ދަންފަޅިއަށް ކިޔަވައިދީފައި ވަނީ އެންމެ 55 ސްކޫލެއްގައެވެ.

comment ކޮމެންޓް