ގެޓާފޭ ބަލިކޮށް، ބާސާއިން އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ނަގައިފި

ބާސާއިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: އެ ޓީމުންވަނީ ތާވަލުގެ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ނަގާފައި -- ފޮޓޯ/ ބާސާ

ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާއިން ގެޓާފޭ ބަލިކޮށް، އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަންގައި ލެވަންޑޯސްކީ ލީގުގައި ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.

ގެޓާފޭއަށް އެއްވަރުކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް ޗާލްސް ޕެރޭޒް ފޮނުވާލި ހަމަލާ ދިޔައީ މެޗުގައި ބާސާގެ ގޯލް ބަލަހައްޓަމުންދިޔަ އިނާކީ ޕެނާއާ ދިމާލަށެވެ. މިއީ މި ސީޒަންގައި އިނާކީ ޕެނާ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

ބާސާގެ އެއް ނަންބަރު ގޯލް ކީޕަރު އަދި ކެޕްޓަން މާކް އެންޑްރޭ ސްޓޭގެންއަށް އެންމެ ފަހުން ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މި ސީޒަންގައި އިތުރަށް ނުކުޅެވޭނެކަންވަނީ ޔަގީންވެފައެވެ. ސްޓޭގެން ނެތްތަން ފޫބެންދުމަށް ވަރަށް ފަހުން ކުޅުން ހުއްޓާލި ޔުވެންޓަސްއަށް އެންމެ ފަހުން ކުޅުނު ޕޯލަންޑްގެ ކީޕާ ވޯޒިއެކް ޝޫޒްނީއާ އެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމަކަށް އާދެވޭތޯ އެ ކްލަބުން މަސައްކަތް ކުރާކަމުގެ އަޑުވަނީ ފެތުރިފައެވެ.

ބާސާގެ ކޯޗު ހާންސީ ފްލިކް ބުނީ، އޭނާގެ ޓީމުގެ އެއް ނަންބަރު ކީޕަރަކީ އިނާކީ ކަމަށެވެ. އަދި، އިނާކީގެ ކުޅުމާ މެދު އޭނާ ހިތްހަމަޖެހޭ ކަމަށް ވެސް ފްލިކް ބުންޏެވެ. ނަމަވެސް، އިނާކީގެ އިތުރުން ދެން ތިބީ ވަރަށް ޒުވާން ކީޕަރުންތަކެއްކަމުން ތަޖުރިބާ ހުރި ކީޕަރެއްގެ ގޮތުން ޝޫޒްނީގެ ވާހަކަ ދެކެވިފައިވާ ކަމަށް އޭނާ އެއްބަސްވިއެވެ.

މި ކާމިޔާބީއާ އެކު ބާސާއިންވަނީ މި ސީޒަންގައި މިހާތަނަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށްފައެވެ. އަދި، މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 21 ޕޮއިންޓާ އެކުއެވެ. އަދި، ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެމެދު ހަތަރު ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ.

comment ކޮމެންޓް