އދ. ގެ ސަލާމަތީ މަޖިލީހުގައި ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތައް (ސިޑްސް) ތަމްސީލްކުރުމަށް، އެ މަޖިލީހުން ދާއީމީ މެމްބަރުކަން ބަދަލުވާގޮތަށް ދާއިމީ ގޮނޑިއެއް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.
ސަލާމަތީ މަޖިލީހުގައި ރާއްޖެއިން ބައިވެރިވެ ރާއްޖޭގެ ރައީސަކު ތަގުރީރުކުރެއްވި މިއީ އެންމެ ފުރަތަމަ ފަހަރެވެ. މި މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް ވަނީ އދ.ގެ ސަލާމަތީ މަޖިލީހަކީ މިހާރަށްވުރެ ބޮޑަށް ދުނިޔޭގެ ޝާމިލުވުން ހިމެނޭ ކައުންސިލަކަށް ހެދުމަށް ގޮވައިލައްވައިފައެވެ.
އެގޮތުން ސަލާމަތީ މަޖިލިސް މިހާރު އެކުލެވިގެންވާ ގޮތަކީ މާ ކުރީގެ، ބަދަލުކުރަންޖެހިފައިވާ ގޮތެއް ކަމަށް ވިދާޅުވިއެވެ. އަދި އެ މަޖިލިސް އޮތީ އދ.ގެ މެމްބަރު ގައުމުތަކުގެ ހަގީގަތްތަކާ މާ ދުރުގައިކަމަށް ވިދާޅުވިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ރައީސް ޑރ. މުއިއްޒު ތަގުރީރުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން މިސާލެއް ނަންގަވައި ރައީސް ވިދާޅުވީ މިއަދު އދ.ގެ މެމްބަރު ގައުމުތަކުގެ ފަސް ބައިކުޅަ އެއްބަޔަކީ ރާއްޖެ ފަދަ، ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތައް ކަމަށެވެ.
އެެހެންކަމުން މި ގައުމުތަކުގެ ބަހާއި ދެކޭ ގޮތް ވެސް މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި މައްސަލަތައް ހައްލުކުރުމުގައި މި ގައުމުތަކުގެ ތަޖުރިބާ މުހިންމުކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވެސް މޭޒު ދޮށުގައި ގޮނޑިއެއް ހައްގު،" ރައީސް ވިދާޅުވިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ރައީސް ޑރ. މުއިއްޒު ތަގުރީރުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
އެއާއެކު އެ މަނިކުފާނުވަނީ މެމްބަރުކަން ކުރާ ގައުމުތައް ބަދަލުވާ ގޮތަށް ސިޑްސްއަށް ސަލާމަތީ މަޖިލީހުގައި ދާއިމީ މެމްބަރުކަން ދިނުމަކީ، އެ މަޖިލީހުގައި ހަމަހަމަކަމާއެކު ގައުމުތައް ތަމްސީލުކުރުމަށް އެޅޭނެ ތާރީޚީ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.
އަދި މިއީ އެ ކައުންސިލުގައި އެފްރިކާއާމެދު ޒަމާނުއްސުރެ އޮތް ތަފާތުކުރުމަށް ނަޒަރު ހިންގައި އެ ކަމަށް ވަކާލާތުކުރެވޭނެ ކަމެއްކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު އުވައިލުމަށް ވެސް ގޮވައިލައްވައިފައެވެ.