އދ.ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު އުވައިލުމަށް ރައީސް ގޮވައިލައްވައިފި

ރައީސް އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރުކުރައްވަނީ --

އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއީމީ މެމްބަރުންނަށް ދީފައިވާ ވީޓޯ ބާރު މިހާރުން މިހާރަށް އުވައިލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރުކުރައްވަމުންނެވެ.

ފަލަސްތީނުގައި އިޒްރާއިލުން ހިންގަމުން އަންނަ ގަތުލުއާންމު ހުއްޓުވަން އދ. ނުކުޅެދިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ވީޓޯ ބާރުން ތަކުރާރުކޮށް އަންނަނީ ސަލާމަތީ މަޖިލީހުން އެ ކަމުގައި އަމަލުކުރުމުގެ ބާރު ކަނޑުވަމުން ކަމަށެވެ.

އަދި ވީޓޯ ބާރުގެ ސަބަބުން އިސްރާއިލަށް ކުރިއަށްދާން ފުރުސަތު ލިބިފައިވާކަމަށާއި، އޭގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ ގެއްލި، ގަދަބާރުން ވެރިވެގަނެ އާބާދުވުމުގެ ކަންކަން ހިނގަމުން އަންނަކަމަށެވެ.

"ވީޓޯ ބާރާހެދި މައުސޫމު އެތައް ބައެއްގެ ގަތުލުއާންމު ކުރިއަށްގެންދަން ވަނީ މަގުފަހިވެފައި، އެހެންވީމާ ވީޓޯ ބާރު "މަރައިލަން" ހިނގާ،" ރައީސް ވިދާޅުވިއެެވެ.

ހަމައެއާއެކު ރައީސް ވަނީ 15 އަހަރުވީރު ވެސް އެއްވެސް ނަތީޖާއެއް ނުނެރެވިވާ ދޭދޭ ގައުމުތަކުގެ ސަރުކާރުތަކުގެ މަޝްވަރާކުރުންތައް ހުއްޓައިލަން ގޮވައިލައްވައިފައެވެ. އަދި އަލުން މަޝްވަރާކުރުންތައް ފަށައި ލިޔުމުގެ ތެރެއިން ކުރިއަށްގެންދިއުމަށް ވެސް ހުށަހަޅުއްވައިފައެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯ ބާރަކީ އެ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ހިމެނޭ ފަސް ގައުމުކަމަށްވާ ޗައިނާ، ފްރާންސް، ރަޝިއާ، އިނގިރޭސިވިލާތް، އަދި އެމެރިކާއަށް، ގަރާރު ތަންފީޒުކުރުމާމެދު އެއްބަސްވުމަށް ނުވަތަ ދެކޮޅު ވުމަށް ދީފައި އޮންނަ ބާރެކެވެ.

ވީޓޯކުރުމުގެ ބާރު ލިބިފައިވާ އެންމެ ގައުމަކުން ވެސް އެ މަޖިލީހަށް ހުށަހެޅޭ ގަރަރާކާ ދެކޮޅަށް ވޯޓު ދީފިނަމަ އެ ގަރާރެއްގެ މައްސަލަ އިތުރަށް ކުރިއަށް ނުދާނެއެވެ. އެއީ ވީޓޯ ބާރު އޮތް އެހެން ގައުމަކުން ތާއީދުކުރި ނަމަވެސް މެއެވެ.

ވީޓޯ ބާރަކީ 1945ވަނަ އަހަރު އދ. އުފެއްދިއިރު، މައި ބޮޑެތި ބާރުތަކުން އެ ގައުމުތަކުގެ ޝައުގު އޮތް ކަންކަން ނޫން އެހެން ކަންކަން ކުރަން މަޖުބޫރުނުވާނެ ކަން ކަށަވަރުކުރުމަށް ދިން ބާރެކެވެ. މިހާތަނަށް 293 އަށްވުރެ ގިނަ ފަހަރު ވީޓޯ ބާރު ބޭނުންކޮށްފައިވެއެވެ.

comment ކޮމެންޓް