ސްރީލަންކާގެ އާ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. އަމަރަސޫރިޔާގެ ކުޅަދާނަ ލީޑާޝިޕްގެ ދަށުން ލަންކާއަށް ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން މިހާރަށް ވުރެ ވަރުގަދަ ކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޑރ. ހަރިނީއަކީ ލަންކާގެ 16 ވަނަ ބޮޑުވަޒީރުގެ އިތުރުން ތިން ވަނަ އަންހެން ބޮޑުވަޒީރެވެ.
އޭގެކުރިން އެ މަގާމު އަދާކުރެއްވި ދެ އަންހެން ބޭފުޅުންނަކީ ސިރިމާވޯ ބަންޑާރަނައިކޭ އާއި ޗަންދްރިކާ ބަންޑާރަނައިކޭއެވެ.
ފަންސާސް ހަތަރު އަހަރުގެ ހަރިނީއަކީ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އެލަޔަންސްގައި ހިމެނޭ މައި ޕާޓީ ޕީޕަލްސް ލިބަރޭޝަން ފްރޮންޓް (ޖޭވީޕީ)ގެ މެންބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގައި އެންޕީޕީ ތަމްސީލުކުރާ ތިން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހަރިނީއަށް ވަނީ ބޮޑުވަޒީރު ކަމުގެ އިތުރުން ޖަސްޓިސް، އެޑިޔުކޭޝަން އަދި ލޭބާ މިނިސްޓްރީގެ ޒިންމާތައްވެސް ހަވާލުކުރައްވައިފައެވެ.
މީގެ ހަތަރު އަހަރު ކުރިން ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެބަޑައިގެންނެވި ހަރިނީއަކީ ސޯޝިއޮލޮޖީ ލެކްޗަރާއެއްގެ ގޮތުގައި މަޝްހޫރު، އަދި މިންތީގެ ހަމަހަމަކަމާއި މައިނޯރިޓީ ހައްގުތަކުގެ މައްސަލަތަކުގައިވެސް އަޑުއުފުއްލަވާ ބޭފުޅެކެވެ.
އެކްޓިވިސްޓެއްގެ ގޮތުގައި ޑރ. ހަރިނީގެ މަސައްކަތްތައް ފެއްޓެވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ހިލޭ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި 2011 ވަނަ އަހަރު އެގައުމުގައި ބޭއްވި މުޒާހަރާތަކުންނެވެ.
ސްރީލަންކާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ޑިސަނަޔަކަ ކާމިޔާބު ކުރެއްވީ 42.31 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ޑިސަނަޔަކަ ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 20 އަހަރު ޚިދުމަތް ކުރައްވައިފައެވެ.
އެމަނިކުފާނު ވަނީ އިއްޔެ ރައީސްކަމުގެ ހުވާ ކުރައްވައިފައެވެ.