އުފެއްދުންތެރިކަން އިތުރު ކުރަން، އޭއައި ބޭނުން ކުރުމުގެ މަސައްކަތް ރާއްޖެއިން ކުރޭ: ރައީސް

އުފެއްދުންތެރިކަން އިތުރު ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގައުމުތަކުގެ ލީޑަރުން މަޝްވަރާ ކުރައްވާ އދ.ގެ ސަމިޓް އޮފް ދަ ފިއުޗާގެ އިންޓެރެކްޓިވް ޑައިލޮގްގެ ކޯ-ޗެއާގެ ގޮތުގައި ހުންނަވައި ރައީސް ވިދާޅުވީ، މުސްތަގުބަލު ބިނާވެފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސްއަށް ކަމަށްވާއިރު، އަދިވެސް ދުނިޔޭގެ ތިން ބައިކުޅަ އެއް ބަޔަށް އިންޓަނެޓްގެ ޚިދުމަތް ނުލިބޭ ކަމަށެވެ.

ޑިޖިޓަލައިޒޭޝަން ގުޅިފައި ވަނީ ހަމައެކަނި އިންޓަނެޓު ލިބުމާ ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންއަށް ފުރުސަތު ނުލިބުމަކީ ތަރައްގީއާއި އިންސާފަށް ވެސް އެޅޭ ހުރަހެއް ކަމަށެވެ. އެގޮތުން ޑިޖިޓަލައިޒޭޝަންއަށް އޮންނަ ހުރަސްތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކުން ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް އިތުރުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، ޑިޖިޓަލައިޒޭޝަންގައި އެކި ގައުމުތަކުގެ މެދުގައި އޮތް ތަފާތުތައް ނައްތާލުމަށް ކަނޑައަޅާނެ ސިޔާސަތުތަކާއި އަޅާނެ ފިޔަވަޅުތައް ހުށަހަޅަން އެ އިންޓެރެކްޓިވް ޑައިލޮގްގެ ބައިވެރިންނަށް ރައީސް ގޮވައިލެއްވިއެވެ.

ހަމައެއާއެކު އެ މަނިކުފާނުގެ ތިން ހުށަހެޅުއްވުމެއް ވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ރައީސް ހުށަހެޅުއްވީ ޑިޖިޓަލް އިގުތިސާދުގައި ބައިވެރިވުމަށް ޒުވާނުން ބާރުވެރި ކުރުވުމަށް އިސްކަން ދިނުމަށެވެ.

ރާއްޖެއިން މިސާލު ނަންގައި އެ މަނިކުފާނު ވިދާޅުވީ، މި ގައުމުން ދިވެހީންގެ އީޖާދީ މަސައްކަތްތަކާއި އިގުތިސާދު ސިންދަފާތު ކުރުމަށް ހިތްވަރު ދިނުމަށް ޑިޖިޓަލް ހުނަރުތަކަށް އިންވެސްޓު ކުރާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މާކެޓްޕްލޭސްތަކާއި ވަޒީފާގެ މާހައުލުގައި ބައިވެރިވުމަށް ފްރީލޭންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް ރައީސް ހުށަހެޅުއްވީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވެސް ޑިޖިޓަލް ޓެކްނޮލޮޖީ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިންވެސްޓް ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި، ހައި-ސްޕީޑް އިންޓަނެޓް ކަވަރޭޖް ފުޅާކުރުމާއި އަސާސީ ޚިދުމަތްތައް ޑިޖިޓަލް ކުރުމާއި އުފެއްދުންތެރިކަން އިތުރުކުރުމަށް އޭއައި ބޭނުން ކުރުން ރައީސް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި މި ދާއިރާތަކުން، ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން އަންނަނީ ބައެއް މަސައްކަތްތައް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގާބިލުކަން އިތުރުކޮށް، އެފަދަ މަސައްކަތްތަކަށް އިންވެސްޓްމެންޓާއި ޚަރަދުތައް އިތުރުކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ތިން ވަނަ ހުށަހެޅުއްވުމަކީ ޑިޖިޓަލައިޒޭޝަންއާއެކު ވެސް މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ހުއްދައާ ނުލައި އެކްސެސްތައް ހޯދުމާއި، އެކައުންޓުތައް ހައިޖެކް ކުރުމާއި ޑޭޓާ ޕްރައިވެސީއާ ގުޅުން ހުރި ކަންބޮޑުވުންތައް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޑިޖިޓަލައިޒޭޝަންއާ ގުޅުންހުރި ސަލާމަތީ ކަންބޮޑުވުންތަކާ ކުރިމަތިލުމަށް ރާއްޖެއިން ވަނީ ނެޝަނަލް ސައިބާސެކިއުރިޓީ އޭޖެންސީ އުފައްދާފައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން، އެންމެން ޝާމިލުވާ، ހަމަހަމަ، ވިލުންވެރި ޑިޖިޓަލް ދުނިޔެއެއް ގާއިމުކުރުމަށް ސާބިތުވެ މަސައްކަތް ކުރުމުން ގެންދާނެ ކަމަށެވެ.

ރައީސް އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސެޝަންގެ ހަވާސާގައި ބާއްވާ މުހިންމު މަޝްވަރާތަކުގައި އެ މަނިކުފާނު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ރައީސް އާންމު މަޖިލީހުގެ ސެޝަންގައި ތަގުރީރު ކުރައްވާނީ މާދަމާއެވެ. އެ މަނިކުފާމު މި ދަތުރުފުޅުގައި އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވާނެއެވެ.

comment ކޮމެންޓް